ރާޢްޖޭގައި ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން މިމަހުގެ ދެ ވަނަ ދުވަހާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 665 މީހުންނެވެ.

އެގޮތުން މާލެއިން 72 މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައިވަނީ 481 މީހުންނެވެ.

ރާއްޖޭގައި އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ފަހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 2،300 މީހުންނެވެ. އެހެންނަމަވެސް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ އެއަދަދު ދުވަހެއް ދުވަހަކަށް މަދުވަމުންދާކަމަށް ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 177،658 މީހުންނެވެ. އަދި އޭގެތެރެއިން 298 މީހުން ކޮވިޑު-19 ބަލީގައި ވަނީ ނިޔާވެފަ އެވެ.

ރާއްޖޭގައި ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލާފައިވާއިރު، ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ފަރާތްތައް ކަރަންޓީނު ވާން ދެން ނުޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.