ރާއްޖޭގެ ރަށްރަށަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އިތުރު 8 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.

އެސްޓީއޯއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، މާލެ ގެނެސްފައިވާ އެ އެމްބިއުލާންސްތައް، އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނޑުހުޅުދޫ، ޏ. ފުވައްމުލަށް، ސ. ހިތަދޫގެ އިތުރުން ގދ. ނަޑެއްލާ އަދި ކ. ގުރައިދޫއަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމްބިއުލާންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެމްބިއުލާންސް ބޭނުންވާ 41 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް އެމްބިއުލާންސް ގެނައުމަށްޓަކައި ހެލްތު މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން، އެސްޓީއޯއާ ފަހުމުނާމާއެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގަ އެވެ.

އެމްބިއުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ހިދުމަތަކަށްވާއިރު، ބަލި މީހުން ބަރޯއާއި ގާޑިޔަލުގައި އުފުލާ މަންޒަރުތައް އާންމުވެ، ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި ހިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ރަށްރަށުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.