ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުގެ ފޮޓޯ ނަގަން އުޅެނިކޮށް ފޮޓޯގްރަފަރަކަށް އިއްޔެ އަނިޔާވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ކަރީނާ، އޭނާގެ ރަހުމަތްތެރިޔާކަމަށްވާ މަލައިކާ އަރޯރާ ކާރު އެކްސިޑެންޓެއްވެ އަނިޔާވުމުން، މަލާއިކާގެ ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެގޮތުން ކަރީނާގެ ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި ފޮޓޯގްރަފަރެއްގެ ފައި ވަނީ ކަރީނާގެ ކާރުގައި ވަރަށް ބާރަށް ޖެހި އަނިޔާވެފަ އެވެ.

އެވަގުތު ކަރީނާ ވަރަށް ބާރަށް ކެމެރާ މީހާއާ ދިމާއަށް ފަހަތަށް ދިއުމަށް ބުނެ ހަޅޭއްލަވާ ތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވާން ފަށާފަ އެވެ. ދެން ފެންނަނީ ކަރީނާ ކާރަށް ގޮސް އަރާ މަންޒަރެވެ.

https://www.instagram.com/p/Cb7inlCKcdS/

މަލާއިކާ އާއި ކަރީނާއާ ދެ މީހުންނަކީ ގާތް ދެ އެކުވެރިންނެވެ. މަލާއިކާގެ ހާލު ބެލުމަށް ކަރީނާ، މަލާއިކާގެ ގެއަށް ޒިޔާރާތްކޮށްފައިވާއިރު، މަލާއިކާއަށް އަނިޔާވީ އޭނާ ޕޫނޭގައި އޮތް ފެޝަން އިވެންޓެއްގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެކްސިޑެންޓާ ގުޅިގެން މަލާއިކާއަށް ކުދި އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި އެޑްމިޓްކުރި ނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށާއި، މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ.