މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތައް ހުރަސް އެޅި ކޮރަޕްޝަންގެ މައްސަލަތައް ނުބެލެނީ ވަޒީރުންގެ ނުފޫޒުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑެ މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި ކުންފުނިތަކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބޮންޑެ ވަނީ އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ން ދިން 100 މިލިއަން ރުފިޔާއިން ވެސް ކޮރަޕްޝަންގެ އަމަލު ހިންގި ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ބޮންޑެ ވިދާޅުވިގޮތުގައި އޭޑީބީގެ ފައިސާ ބޭނުންކޮށްފައި ވަނީ ދުބާއީގައި ވަގު ކުންފުންޏެއް ހަދައިގެން ފައިސާ ނެގުމަށެވެ. އަދި އެ ކުންފުނި ހަދައިގެން 20 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ވެސް ބޮންޑެ ތުހުމަތުކުރައްވާފައިވެ އެވެ.

އޭގެ އިތުރުން މިހާރު ކޮމިޓީތައް އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ނެތްކަން ފާހަގަކުރައްވައި ބޮންޑެ ވިދާޅުވީ ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުން ވާހަކަދައްކަވަނީ ވަޒީރުންގެ ދިފާއުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް އިތުރުވަމުންދާކަމަށް ބޮންޑެ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މިހާރު ކޮމިޓީތައް އޮތް ގޮތުން ހަމަ އެއް ގޮތަކަށް ވެސް ނެތް. އެ ކޮމިޓީތަކުގައި ތިއްބަވާ ބޭފުޅުން ވަޒީރުގެ ދިފާއުގައި ވާހަކަ ދައްކާފައި ކޮރަޕްޝަން އިންތިހާއަށް ފޮރުވަމުން ދަނީ. އިންތިހާއަށް ކޮރަޕްޝަން އެބަ ހިންގާ،" ބޮންޑޭ ވިދާޅުވި އެވެ.