ކަނޑުމަގުން ރާއްޖެއަށް 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ އިސް ދެ މީހަކު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މި މައްސަލައިގައި އެންމެ އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށީ ވައިލެޓްވިލާ، އަހްމަދު މޫސާ ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލާފައިވާއިރު، އެ ދެމީހުން ދޫކޮށްލާފައި ވަނީ ބޭސްފަރުވާއަށެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ މިއަދު ނޫނީ މާދަމާ އެމައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

ދައުލަތުން އެ ދެމީހުންނަށް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އަދި އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކޯޓުން އަމުރު ކޮށްފައިވެ އެވެ.

ކަންނެލި ދޯންޏެއްގައި ދަތުރުކޮށްފައި ދަނިކޮށް 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ޖުމްލަ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ.