ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން ކުރި ހަރަދު ހަމަވަންދެން ކުލީގެ ގޮތުގައި މަހަކު 4،500 ރުފިޔާ ނެގުމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

މި މަހު ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނެގުމަށް އެޗްޑީސީން އަންގާފައިވާއިރު، ގިނަ ބަޔަކު ވަނީ ރޯދަ މަހު ކުލި ނަގަން ފެށުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހިޔާ ފްލެޓްތަކުން ރޯދަ މަހު ކުލި ނަގަން ނުފަށައި ކުލި ފަސްކޮށްދިނުމަށް އެދި ޕެޓިޝަނެއްވެސް ހުށަހަޅާފައިވެ އެވެ.

އެކަމާއި ގުޅިގެން ބޮންޑެ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފްލެޓެއް ނުދެވޭކަމަށެވެ. އަދި ދެވުނީ ހަތަރު ފާރު ކަމަށާއި، އެންމެ އިންސާފުވެރި ގޮތަކީ ކުރި ހަރަދު ހަމަވަންދެން ފްލެޓް ތަކުގެ ކުލީގެ ގޮތުގައި 4،400 ރުފިޔާ ނެގުން ކަމުގައި ބޮންޑެ ވިދާޅުވެފައިވެ އެވެ.

"ދޮރު ހަރުކޮށް މުށިޖަހާ ކުލަލާ ހެދީ ކުއްޔަށް ހިފި ފަރާތްތަކުން. އިންސާފުވެރި ގޮތަކީ ހިޔާ ފްލެޓްގެ ނަމުގައި ހަތަރު ފާރު ލިބުނު ފަރާތްތަކުން ކުރި ހަރަދު ހަމަވަންދެން މަހަކު 4،500 ރުފިޔާ ކުލީގެ ގޮތުގައި ނެގުމެވެ،" ބޮންޑެ ވިދާޅުވި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު، މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ސަރުކާރުން ފްލެޓްތައް ދޫކުރިއިރު ފިނިޝިން ނުނިންމަ ހުރުމުގެ ސަބަބުން ގިނަ ބަޔަކު ދަރަނި ނަގައި އެ ދައްކަމުންގެންދާކަން ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީފައެއް ނެތްކަން ފާހަގަކުރައްވައި އޭނާ ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނުނެގުމަށް އެދިފަ އެވެ.