ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ހަވާލުކުރި ކުންފުނިތައް، އެމަސައްކަަތަށް ފައިސާނަގައި މަސައްކަތް ނުނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުން މަޖިލީހަށް މި މައްސަލަަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ފްލެޓް ލިބުނު ފަރާތްތަކުން އެކި ގޮތްގޮތުން ދަރަނި ނަގައި، ފިނިޝިންގެ މަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކުރިކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެ މަސައްކަތާއި ހަވާލުވެ، މަސައްކަތް ނުކޮށް ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭވަރުގެ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި މައްސަލަ ބަލައިގަތުމާއި މެދުގައި ގޮތެއް ނިންމުމަށް މަޖިލީހުގައި ވޯޓު ދިނުމަށް ހުޅުވާލި ފުރުސަތުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ އެންމެ ހަ މެމްބަރުންނެވެ. އަދި މައްސަލަ ބަލައިގަތުމާއި ދެކޮޅަށް 29 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. އެއާއެކު މި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.

ފިނިޝިން މަސައްކަތް ނުނިންމައި ފްލެޓްތައް ދޫކުމުން ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. ހަމައެހެންމެ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީފައެއް ނެތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ދަނީ ފްލެޓް ލިބުނު ފަރާތްތަކުގެ މާލީ ހާލަތު ހަމައަކަށް އެޅެންދެން ފްލެޓްތަކުގެ ކުލި ކުޑަކޮށް ނެގުމަށް ގޮވާލަމުންނެވެ.