އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިކޮނޮކިމް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހޮވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެޕާޓީ ވަނީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފަ އެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަން އެންމެ ބޮޑަށް ފެންނަ ތަނަކީ ރައްޔިތުންގެ މަޖިލީހެވެ. އެމްޑީޕީގެ 65 މެންބަރު މަޖިލީހުގައި ތިއްބަވާއިރު މަޖިލީހުގައި ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އަންނަނީ ފާޑުކިޔަމުންނެވެ.

އެގޮތުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ މިނިސްޓަރު ފައްޔާޒު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވައިގެން ކަމަށެވެ.

މުޅި ދުނިޔެއަށް ދިމާވި ކޮވިޑް ބަލިމަޑު ކަމުގެ ތެރެއިން ރާއްޖޭގެ އިގުތިސާދު މިގޮތުގައި މިއޮތީ ފައްޔާޒުގެ ބުރަ މަސައްކަތުން ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވި އެވެ.

"2023 އެމްޑީޕީއަށް ހޯދުމުގައި ފައްޔާޒުގެ ދައުރު ވަރަށް ބޮޑު ވާނެ. އިންތިއަށް ވުރެން ފައްޔާޒުގެ ގާބިލުކަން އިތުރުވާނެ،" ޝަރީފު ވިދާޅުވި އެވެ.

އަންނަ މަހު 14 ގައި އެމްޑީޕީގެ ޗެއާޕާސަން ހޮވަން ބާއްވާ އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުތު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ އެވެ.