ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދީ، އެ ފަރާތްތަކަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު، މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުން އޮތީ އެމަނިކުފާނުގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އެ ޔޫނިއަންގެ މެންބަރުން ވަނީ މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯދުމަަށް ބޭނުންވެލައްވާ ގޮތްތަކާއި އަދި ފަންނުވެރިކަން ކުރިއެރުވުމަށް ޔޫނިއަންއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކޮށްފަ އެވެ.

އެގޮތުން މިއުޒީޝަންސް ޔޫނިއަންގެ މެންބަރުން ފާހަގަކުރި ދަތިތަކުގެ ތެރޭގައި މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯ ދިނުމަށް ހުރި ދަތިތަކުގެ އިތުރުން އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މައުލޫމާތު ހިމެނެ އެވެ. މީގެ އިތުރުން ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މެންބަރުން ފާހަގަކޮށްފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ ޔޫނިއަންގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ހައްލުކޮށްދެއްވުމަަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާގުޅޭގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާ ހިޔާލު ބަދަލުކުރައްވާފަ އެވެ.