ކުނީގެ މައްސަލައަކީ ހަމައެކަނި މެޝިންތައް ގާއިމްކޮށްގެން ހައްލުވާނޭ މަސައްކަތެއް ނޫން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް, އެންވަޔަރަމެންޓް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުން ކަމަށެވެ.
މިގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއީ ގޭބިސީއާ ހިސާބުން ފެށޭ ކަމެއް. ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރެ، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން، ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަންޖެހޭ. އަދި ބަދިގެ ކުންޏާއި ފަތްކުނި މެނޭޖް ކުރާނެ ގޮތްތަކެއްވެސް ހުންނާންޖެހޭ،" ޝައުނާ ވިދާޅުވި އެވެ.
އަދި މިއީ އެންމެ ދުވަހަކުން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެތައް ޒަމާންތަކެއް ވަންދެން ކުންޏާމެދު އަމަލުކުރަމުން އައި ގޮތުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ ކުނި މެނޭޖްކުރުމުގެ ބަދަލުގައި އެއްވެސް ހަމައެއް ލަމައެއް ނެތި ޖެހުނު ތަނަކަށް ކުނި އުކާލުން ނުވަތަ ކުނި އެންދުމުގެ ސަބަބުން ދިމާވެފައިވާ މައްސަލައެއް ކަމަށްވެސް ޝައުނާ ފާހަގަކުރެއްވި އެވެ.
"މުޅި ރާއްޖޭގައި އުފެދޭ ހުރިހާ ކުންޏެއް ރައްކާތެރި ގޮތުގަ މެނޭޖްކުރުމަށް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ ހުނަރުވެރި ދިވެހިން އުފައްދަން. ކޮންމެ ރަށެއްގަ، ކޮންމެ ކައުންސިލެއްގަ، މިކަން ކުރާނެ ގޮތުގެ މައުލޫމާތާއި މިކަން ކުރާނެ ގޮތުގެ ވޯކް ފޯސްއެއް އުފެދެން އެބަޖެހޭ. އެހެން ނޫންކަމުގަ ވާނަމަ އަޅުގަނޑުމެންނަކަށް މުސްތަގުބަލުގައި ރާއްޖެއަކީ ރީތި މަންޒިލެއްގެ ގޮތުގައި ދައްކުވައެއް ނުދެވޭނެ. އަދި މުސްތަގުބަލުގައި ދިވެހީން ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ވެސް ހޯދައެއް ނުދެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
"ވޭސްޓު ޓު ވެލްތު" ޓްރެއިނިން ދަށުން ތަފާތު ބާވަތުގެ ކުނި ވަކިކޮށް އޭގެ ތެރެއިން އަލުން ބޭނުން ކުރެވޭ ތަކެތި ރީސައިކަލްކޮށް ޢާމްދަނީ ހޯދުމަށް މަގުފަހިވެގެންދެ އެވެ. އެގޮތުން މިއީ ދިވެހިރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުނިން އާމްދަނީ ލިބޭ މަސައްކަތްކޮށް ސާފު ވެއްޓެއް ދެމެހެއްޓުމަށް ގައުމުގެ ޒުވާނުންނަށް ހުޅުވިގެންދާ މުޅިން އާ ފުރުސަތުތަކެކެވެ.