ގާނޫނު އަސާސީގައިވާ ގޮތުން ދިވެހީންގެ ރަސްމީ ބަހަކީ ދިވެހި ބަހެވެ. ހަމަ އެ ގާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ އުތުރުން ދެކުނަށް ހުރިހާ ހިސާބެއްގައި އުޅޭ ރައްޔިތުންނަކީ ދިވެހީންނެވެ. ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވަކި ބަހުރުވައެއް ނުވަތަ ވަކި ހިސާބެއްގެ ބަޔަކު ވާހަކަ ދައްކާ ގޮތް ޚާއްސަކޮށް ނުވަތަ އިސްތިސްނާ ކޮށްފައެއް ނުވެ އެވެ. އެހެން ކަމުން ރާއްޖޭގެ ގައުމީ ޓީވީން އައްޑޫ ބަހުން ޚަބަރެއް ކިޔުމުން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ މި ސުވާލު ކުރިމަތިވީ ގައުމީ ޓީވީން އައްޑޫ ބަހުން ޚަބަރު ކިޔުމުން ދިވެހި ބަހުގެ ފުންނާބު އުސް ބޭފުޅެއް ކަމަށްވާ އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނުރައްކަލުގެ ސިގުނަލެއްގެ ވާހަކަ ލިޔުއްވުމުންނެވެ.

"ދިވެހި ރާއްޖޭގެ ގައުމީ ޓީވީން މުޅި ރާއްޖެއަށް އާންމު ކޮށް އައްޑޫ ބަހުރުވައިން ޚަބަރު ކިޔާން ފެށުމަކީ އެބަހުރުވަ ނޭނގޭ މީހުނަށް އޮޅުން ބޮޅުން އަރައި އެއްބައިވަންތަކަމަށް ބުރޫ އަރާނޭ ކަމަކަށް ވާނެ އެވެ." ސަރުކާރުގެ ރަސްމީ ޓީވީ އިން ދުވާލަކު އެއްފަހަރު އައްޑޫ ބަހުން ޚަބަރު ކިޔާ ކިޔުމާމެދު ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހި ވަޑައިނުގެން "އަދިވެސް" އޮންލައިން މަޖައްލާގައި އަޒީޒު ލިޔުއްވާފައިވެ އެވެ.

އައްޑޫ ބަހުން ޚަބަރު ކިޔުމާމެދު ފާޑުވިދާޅުވަމުން އަޒީޒު ވިދާޅުވެފައިވާގޮތުން ނަމަ މިކަމަކީ ބޮޑު ނުބައެއްގެ ފެށުމެވެ. އެ މަނިކުފާނު ސިފަކުރައްވާ ގޮތުގައި ނަމަ މިކަމުގެ ސަބަބުން ބަޔަކު ވަކިވެގަތުމަށް ހިތްވަރު ލިބި ދިވެހި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފުރުސަތު ބޮޑެވެ.

މިމޭރުމުން އެމަނިކުފާނު ލިޔުއްވި ދިގު ލިޔުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ބަހުރުވަ ހުންނަ ކަމަށް ވިދާޅުވެ، ލ. އަތޮޅާއި ތ އަތޮޅާއި ޅ. އަތޮޅުގެ ބަހުރުވަ ވެސް ވަކި ބަހުރުވަތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައި އައްޑޫ ބަހާ އެއްވަރު ކުރައްވާފައިވެ އެވެ. އަދި އައްޑޫ ބަހުން ޚަބަރު ކިޔާ ކަމަށް ވަންޏާ އެބަހުރުވަތަކުން ވެސް ޚަބަރު ކިޔަން ޖެހޭނޭ ކަމުގައި ޚިޔާލު ފާޅު ކުރައްވާފައިވެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނުގެ މީހުންގެ ވާހަކަ ދެއްކުމަށް ބަލާއިރު އެންމެ ދެކުނުގެ ތިން އަތޮޅު (ހުވަދޫ، ފުވައްމުލައް، އައްޑޫ) ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ވެސް ވާހަކަދައްކައި އުޅެނީ ގާތްގަނޑަކަށް އެއް ބަހަކުންނެވެ.

އެކި އަތޮޅުތަކުގައި ބަސް މަގާއި، ރާގުގެ ކޮންމެ ވެސް ތަފާތެއް ހުރިކަމުގައި ވިޔަސް އެއްބަޔަކު އަނެއް ބަޔަކު ވާހަކަ ދައްކާއިރު އޮޅުން ނުފިލާވަރުގެ ފަރަގެއް އެ ބަސް ބަހުގައި ނުހުރެ އެވެ. އެހެންކަމުން އެއީ އެއްބަހެއްގެ ބަހުރުވައިގެ ތަފާތު ކަމުގައި ބެލެވިދާނެ އެވެ. އެހެން ނަމަވެސް އައްޑުއާއި ފުވައްމުލަކާއި ހުވަދޫގައި ވާހަކަ ދައްކައި އުޅޭ ތިން ބަސް އެއްބަސް އަނެއް ބަހާ ތަފާތެވެ. އެއިން ބަހެއް ނޭނގޭ ދިވެއްސަކަށް އެ ބަހުން ދައްކާ ވާހަކަ ރަނގަޅަށް ފަހުމުވާން އުނދަގޫ ވާނެ އެވެ. އެހެންކަމުން އެ ތިންބަހަކީ ދިވެހި ބަހުގެ ތެރޭގައި އޮތް ބަހުރުވައިގެ ތަފާތެއް ކަމުގައި ބުނުމަށް ވުރެ، އެ ތިން ބަހަށް ލިބިފައިވާ ތަފާތުކަމާއި އަމިއްލަ ވަންތަކަމާއި މުއްސަނދި ކަން ވެސް ބޮޑެވެ.

ރާއްޖޭގެ ވަކިވަކި ރަށް ރަށުގައި އެކަހެރިން ވަކިން އުޅުނު ޖަމާއަތްތައް ޒަމާނުގެ ތަރައްގީއާއެކު މިއަދު ވަނީ ވަރަށް ބޮޑަށް ލާމެހިފަ އެވެ. އުތުރުގެ މީހުންނާ ދެކުނުގެ މީހުންގެ މެދުގައި އޮތް ބީރައްޓެހިކަން ކެނޑި އެއްބަޔަކު އަނެއް ބަޔަކާ މިއަދު ވަނީ ވަރަށް ގާތްވެފަ އެވެ. އެހެންކަމުން އެއްބައެއްގެ ސަގާފަތާއި ކެއިންބުއިމާއި ވާހަކަ ދައްކާގޮތް ފަދަ ކަންކަން ދަނެގަނެ ހޯދައި އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމުގެ ރޫހު މިއަދުގެ ދިވެހީންގެ ހިތްތަކުގައި ވަރަށް ބޮޑެވެ. މިފަދަ ދަނޑިވަޅެއްގައި ގައުމީ ޓީވީން ދުވާލަކު އެއްފަހަރު އައްޑޫ ބަހުން ޚަބަރު ކިޔުމަކީ އެ ބަސް ނުދަންނަ، ރާއްޖޭގެ އެހެން ހިސާބުގެ މީހުންނާއި އައްޑޫ މީހުންނާ ޖެހެންވީ ސަބަބެއް ނޫނެވެ. އޭގެ ބަދަލުގައި އެ ބަސް ނުދަންނަ ދިވެހި އެހެން ރައްޔިތުންނަށް ކޮންމެ ވެސް މިންވަރަކަށް އެ ބަހަށް އަހުލުވެރިވުމަށް ލިބޭ ފުރުސަތަކަށް ވާނެ އެވެ.

ކުރަންވީ ކަމަކީ ވާން އޮތިއްޔާ ފުވައްމުލަކު ބަހާއި ހުވަދޫ ބަހުން ވެސް ޚަބަރު ކިޔަން ވީ އެވެ. ރާއްޖޭގެ އެންމެންނަކީ ދިވެހިން ކަމުގައި ވާތީ އެވެ. ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސް ކަމުގައި ވާހާ ހިނދަކު ރާއްޖޭގެ ވަކި ހިސާބެއްގެ ބަޔަކު ވާހަކަ ދައްކާ ބަސް އެއީ ދިވެހި ބަހަށް ނުވާންވީ ސަބަބެއް ނޯންނާނެ އެވެ. ގާނޫނު އަސާސީގައި ވެސް އޮތީ އެހެންނެވެ.