މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ އުތުރުން ހއ.ގެ 6 ރަށެއްގައި ކާމިޔާބު ކަމާއެކު ފިންލިޓްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފި އެވެ. މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހައި ފުޅާ ދާއިރާއެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

22-20 ނޮވެންބަރަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން ހއ. ދިއްދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، އުތީމު އަދި މުރައިދޫގައި ފިންލިޓް ފެސްޓްގެ އެކިއެކި ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

މި ހަރަކާތްތަކުގެ ތެރެއިން އާންމު ފަރުދުންނަށާއި ސްކޫލް ދަރިވަރުންނަށް ގިނަގުނަ މައުލޫމާތުތަކެއް ދިނެވެ. އަދި މި ހަރަކާތުގައި ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވި އެވެ. މީގެ އިތުރުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވެސް އެމްއެމްއޭގެ ޓީމާއެކު ފިންލިޓްގެ ހަރަކާތްތަކުގައި ބައިވެރިވި އެވެ.

ދިއްދޫ

ފިންލިޓް ފެސްޓްގެ ހއ. ދަތުރުގައި ފުރަތަމަ ރަށަކަށް އޮތީ ދިއްދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެވެ. މި ހަރަކާތް ފެށީ ކުޑަކުދިންނަށް ޚާއްސަކޮށްގެން އެމްއެމްއޭއިން ކުރިއަށް ގެންދިޔަ 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރުގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ވެސް ބެހެއްޓިފައި ހުއްޓެވެ. މި ސްޓޯލް އިން ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނޭހެން ބަހައްޓާފައިވެ އެވެ.

މި ހަވީރުގައި މާލީ މެސެޖްތައް ލިބޭ ކަހަލަ އެކިއެކި ގޭމްސްތައް ހުއްޓެވެ. މީގެ އިތުރުން ތަފާތު އެކިއެކި ކުޅިވަރުތަކާއި ފޭސް ޕެއިންޓިން ފަދަ ކަންތައްތައް ކުރިއަށް ދިޔައެވެ. އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑުތައް ވަނީ ދީފަ އެވެ.

ދިއްދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ވެސް ބައިވެރިވުމާއެކު އެވެ. އަދި މި ހަވީރު ބޭއްވުމަށް ދިއްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފުރިހަމަ އެއްބާރުލުން ލިބުނުކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ.

ކުޑަކުދިންގެ ހަވީރަށް ފަހު 20 ވަނަ ދުވަހުގެ ރޭ ދިއްދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ފޯކަސްގްރޫޕް ޑިސްކަޝަނެއް ކުރިއަށް ގެންދިޔަ އެވެ. މި ސެޝަން ކުރިއަށް ގެންދެވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ. މި ސެޝަންގެ ބައިވެރިން ވަނީ މާލީބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ވަކިން ހާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވެސް ބައިވެރިން ވާހަކަދެއްކި އެވެ. އަދި ސެޝަންގައި ބައިވެރިންގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށް ޑެޕިއުޓީ ގަވަރުނަރު ޖަވާބުދެއްވާފައިވެ އެވެ.

ދިއްދޫގެ ފިންލިޓް ފެސްޓް ހަރަކާތްތައް ނިންމައިލީ 21 ނޮވެންބަރުގައި ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާއާއެކު ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަނާއެކު އެވެ. މި ސެޝަންގައި ފައިސާގެންގުޅުމާއި ޒިންމާދާރު ކަމާއެކު މާލީ ނިންމުތައް ނިންމުމުގެ މައްޗަށް ދަރިވަރުންނަށް މައުލޫމާތު ދިނެވެ.

ވަށަފަރު

ފިންލިޓް ފެސްޓްގެ ދަށުން ވަށަފަރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި މާލީ ހޭލުންތެރިކަމާއި ޑިޖިޓަލް ޕޭމަންޓާއި އިގްތިސާދީ އަދި މާލީގޮތުން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަހުލުވެރިކުރުން ފަދަ ކަންތައްތައް ކުރިއަށް ދިޔަ އެވެ.

އެ ގޮތުން، ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ވަނީ ސްކޫލް ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ހެޑް އޮފް މާކެޓިން އެންޑް ޓްރާންސްފޮމޭޝަން މަރިޔަމް ޝިފާވަނީ ފަވަރަ އާ ބެހޭގޮތުންނާއި ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާއި ބެހޭގޮތުން މައުލޫމާތު ދީފަ އެވެ.

ވަށަފަރުގައި ވެސް އަންހެނުންގެ މާލީ ބައިވެރިވުމާއި އެ ފަރާތްތަކަށް މާލީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފޯކަސް ގްރޫޕް ޑިސްކަޝަނެއް ބޭއްވި އެވެ. މި ސެޝަން ވެސް ކުރިއަށް ގެންދެވީ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ. މި ސެޝަންގެ ބައިވެރިން ވަނީ މާލީބައިވެރިވުން އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި ވަކިން ޚާއްސަކޮށް މާލީ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވެސް ބައިވެރިން ވާހަކަދެއްކި އެވެ.

ވަށަފަރުގެ ފިންލިޓް ފެސްޓް ހަރަކާތްތައް ނިންމައިލީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކްލަބް އެމްއެމްއޭއިން ކުރިއަށް ގެންދިޔަ 'ކިޑްސް ކްލަބްހައުސް' ކުޑަކުދިންގެ ހަވީރުންނެވެ. މި ހަވީރުގައި ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލެއް ބަހައްޓާފައި ހުއްޓެވެ. މި ސްޓޯލް އިން ރާއްޖޭގައި އެންމެ ކުރީ ޒަމާނުއްސުރެ ގެންގުޅެމުން އައި ފައިސާ ފޮއްޗާއި ނޫޓުތައް ފެންނާނޭހެން ބަހައްޓާފައިވެ އެވެ.

މި ހަވީރުގައި މާލީ މެސެޖްތައް ލިބޭ ކަހަލަ އެކިއެކި ގޭމްސްތައް ހުއްޓެވެ. މީގެ އިތުރުން ތަފާތު އެކިއެކި ކުޅިވަރުތަކާއި ފޭސް ޕެއިންޓިން ފަދަ ކަންތައްތައް ކުރިއަށް ދިޔަ އެވެ. އަދި މާލީ ގޮތުން ހޭލުންތެރިކުރުމުގެ މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ބައިވެރިންނާ ހިއްސާކުރެވުނެވެ. އަދި ބައިވެރިންނަށް ހަދިޔާގެ ގޮތުގައި ގިފްޓް ކާޑުތައް ވަނީ ދީފަ އެވެ.

ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް ވަށަފަރު ކުރިއަށް ގެންގޮސްފައިވަނީ ވަށަފަރު ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއި ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ވައުދު ޖަމްއިއްޔާ އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބްގެ އެހީތެރިކަމާއެކު އެވެ.

ފިއްލަދޫ

ހއ ފިއްލަދޫގައި އެމްއެމްއޭގެ ޓީމުން ވަނީ އެ ރަށުގެ ސްކޫލް ދަރިވަރުންނަށް މާލީ ހޭލުންތެރަމާއި އިގްތިސާދާ ބެހޭގޮތުން މުހިންމު މައުލޫމާތު ދިނުމަށް ސެޝަންއެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަންތަކުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ފިއްލަދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި ދަރިވަރުންނަށް ރާއްޖޭގެ ފައިސާގެ ތާރީހާ ބެހޭގޮތުން ވެސް މައުލޫމާތު ދިނެވެ. އެ ގޮތުން މި ސެޝަންގައި އެކި ޒަމާންތަކުގައި ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ފޮއްޗާއި ނޫޓުތައް ދަރިވަރުންނަށް ދެއްކުމަށް ކަރަންސީ ކޯނަރއެއް ބަހައްޓާފައިވެ އެވެ.

އުތީމު

ފިންލިޓް ފެސްޓް ހަރަކާތްތައް އުތީމުގައި ކުރިއަށް ގެންދިޔައީ ސްކޫލް ދަރިންވަރުންނަށާއި ރަށު ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ ގޮތަށެވެ. އެ ގޮތުން ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ސެޝަންގައި މައުލޫމާތު ދެއްވީ އަހްމަދު ރިޒާ އެވެ. ރިޒާގެ ސެޝަންގައި ކުޑައިރުއްސުރެ ފައިސާ ގެންގުޅުމުގައި ޒިންމާދާރު ކަމާއެކު ފައިސާ ހަރަދުކުރުން އަށަގެންނެވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ ވާހަކަދައްކާފަ އެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ޓީމުން ވަނީ އުތީމު ރައްޔިތުންނަށް މާލީ ހޭލުންތެރިކަން އިތުރުކުރުމާގުޅޭ ގޮތުން ސެޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަންގައި މާލީ ގޮތުން އެގިހުރެ ނިންމުންތައް ނިންމުމުގެ މުހިންމު ކަމާބެހޭގޮތުން މައުލޫމާތު ދެވުނެވެ.

މުރައިދޫ

މުރައިދޫގައި އެމްއެމްއޭގެ ފިންލިޓް ފެސްޓް ޓީމުން ވަނީ މުރައިދޫ ސްކޫލް ދަރިވަރުންނަށް އިގްތިސާދީ ދާއިރާއާއި މާލީ ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފަ އެވެ. މި ސެޝަން ކުރިއަށް ދިޔައީ 22 ނޮވެންބަރުގަ އެވެ.

މި ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރު ބައިވެރިވެ ވަޑައިގެން، ރާއްޖޭގެ އިގުތިސާދާ ބެހޭގޮތުންނާއި ބޭންކިންއާއި މާލީ ދާއިރާގެ ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދެއްވި އެވެ. މި ސެޝަންގައި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި ސެޝަންގައި ޒިންމާދާރުކަމާއެކު ފައިސާ ހޭދަކުރުމުގެ އިތުރުން ފުޅާ ދާއިރާއެއްގައި އިގްތިސާދުގެ އެކިއެކި ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދަރިވަރުންނާ ހިއްސާކުރެވުނެވެ. އަދި ޕޭމަންޓް މޯލްޑިވްސްގެ ފަރާތުން ވެސް ވަނީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓްގެ ކުރިމަގާ ބެހޭގޮތުން ވެސް މި ސެޝަންގައި މައުލޫމާތު ދީފަ އެވެ.

ކެލާ

ކެލާގައި އެމްއެމްއޭގެ ޓީމުން ވަނީ ކެލާ ސްކޫލް ދަރިވަރުންންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަނުގައި ރާއްޖޭގެ އިގްތިސާދާއި މާލީ ދާއިރާއާބެހޭ ގޮތުން ވެސް ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފަ އެވެ.

ކެލާގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންގައި ވެސް އެމްއެމްއޭ ގަވަރުނަރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މާލީ ދާއިރާއާބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ކުދިންނާ ހިއްސާކުރެއްވި އެވެ. މީގެ އިތުރުން، އަހްމަދު ރިޒާ ވެސް ވަނީ ޒިންމާދާރުކަމާއެކު ފައިސާ ހަރަދުކުރުމާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ.

ދިވެހިރާއްޖޭގެ ކަންކޮޅުތަކަށް މާލީ ހޭލުންތެރިކަން ފުޅާކުރުން

އެމްއެމްއޭ ފިންލިޓް ފެސްޓް ހއ ދަތުރަކީ ރަށްރަށުގައި މި ގޮތަށް މި ހަރަކާތް ފެށުމުގެ ފުރަތަމަ ބުރުކަމަށް އެމްއެމްއޭއިން މައުލޫމާތު ދެ އެވެ. އަދި ކުރިއަށް އޮތްތާގައި ކޮންމެ އަހަރަކު ވެސް މިފަދަ ސެޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ. ކޮންމެ އަހަރަކުވެސް މާލޭގެ ސްކޫލްތަކުގެ ދަރިވަރުންނާއި އަތޮޅުތެރޭގަ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އެމްއެމްއޭގައި މާލީ ދާއިރާއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެ އެވެ.