ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ސޯނަމް ކަޕޫރްގެ ގެއިން ވައްކަން ކުރުމުން އިންޑިއާގެ ނަރުހަކާއި ނަރުހުގެ ފިރިމީހާ ހައްޔަރުކޮށްފި އެވެ.

ފެބްރުއަރީ މަހުގައި ސޯނަމްއާ އޭނާގެ ފިރިމީހާ އާނަންދު އަހޫޖާގެ ގެއިން ވައްކަން ކޮށްފައިވާއިރު، ވަގަށް ނެގި ތަކެތީގެ އަގު 2.4 ކްރޯރު ރުޕީސްއަށް އަރަ އެވެ.

ޖުމްލަ 20 މުވައްޒަފަކު ސޯނަމްގެ ގޭގައި މަސައްކަތް ކުރާއިރު، ވައްކަން ކުރީ އެގޭގައި މަސައްކަތް ކުރާ ނަރުހަކާއި އޭނަގެ ފިރިމީހާ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުން ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެމީހުން ވައްކަން ކޮށްފައިވާ ފައިސާއާ ގަހަނާ މިހާތަނަށް ފެނިފައިނުވާކަމަށް ޕޮލިހުން ބުނެފައިވެ އެވެ. އިންޑިއާ ޕޮލިހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގުކުރަމުންނެވެ.

ސޯނަމްއާއި އޭނާގެ ފިރިމީހާ މިވަގުތު އެހެން ގެއެއްގައި އުޅެމުން ގެންދާއިރު، އެމީހުންނަށް އެގޭގައި އުޅެން ނުލިބެނީ ލަންޑަނާއި މުމްބާއީގައި އުޅެން ޖެހޭތީ އެވެ. ދާދި ފަހުން ސޯނަމް ވަނީ އޭނާ ބަނޑުބޮޑުކަންވެސް އާންމުންނަށް ހާމަކޮށްފަ އެވެ.