އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ހަޔާތުގެ މައްޗަށް ނެރެން ތައްޔާރުވެފައިވާ ފޮތް، ދެ ދަރިކަނބަލުންނަށް ހާއްސަ ކުރެއްވި ސަބަބު ހާމަކުރައްވައިފި އެވެ.

އޮބާމާ ވަނީ އޭނާގެ ދެ ދަރިން ކަމަށްވާ އުމުރުން 19 އަހަރުގެ ސާޝާ އާއި 22 އަހަރުގެ މަލިއަށް ބައްޕަގެ ލޯބި ދިނުމުގެ މުހިއްމުކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި، "އަ ޕްރޮމިސްޑް ލޭންޑް"ގެ ނަމުގައި ނެރުމަށް ހަމަޖެހިފައިވާ 768 ސަފްހާގެ ފޮތާއި ބެހޭ ގޮތުން ލިޔުއްވާފައި ވަނީ "ޅަ އުމުރުގައި ބައްޕަ ކައިރީގައި ނެތުމުން ކުރެވުނު އިހުސާސުތަކާއި އެކު އަހަރެން ވާނީ ކޮންކަހަލަ ބައްޕަ އަށް ކަން އެނގިގެން ދިޔަ ކަމަށެވެ،"

"މަލިއާ އުފަންވުމާއި އެކު އަހަރެންގެ އަމިއްލަ ނަފުސަށް ވައުދުވިން އެ ކުދިން ބޮޑުވާނީ އަހަރެންގެ ލޯބި ލިބި، އަހަރެންނަކީ ކާކުކަން އެނގިގެން ކަން ކަށަވަރު ކުރަން،" އޮބާމާ ލިޔުއްވާފައިވެ އެވެ.

އޮބާމާ އިތުރަށް ލިޔުއްވާފައިވާ ގޮތުގައި ރައީސްކަމުގައި ހުންނެވި އިރުވެސް އެ ބުރަކަމާއެކީ ކޮންމެ ދުވަހަކު އަންހެނުންނާއި ދަރިންނާއެކު ރޭގަނޑުގެ ކެއުމަށް ވަގުތު ހުސްކުރައްވަ އެވެ. އަދި ދަރިން ބޮޑެތި ވަމުން އަންނަތަން ފެނުމުން އުފާވާކަމަށާއި މުޅި ދުނިޔެއިން ވެސް އޭނާ އެންމެ ހުންނަ ބޭނުންވަނީ އަންހެނުންނާއި ދެ ދަރިން ގާތުގައި ކަމަށް ލިޔުއްވާފައިވެ އެވެ.