ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަމުން ގެންދަނީ ސްރީ ޓިޓަން ޗަންދުރާ ދާސް، ބަންގްލަދޭޝް (35އ) އެވެ.

ފުލުހުންގެ ތަހުގީގަށް ހޯދުމަށް އިއުލާންކޮށްފައި ވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައި ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާ ހޯދަނީ އޭނާ އުޅޭ ވަކި ތަނެއް އާއިލާއަށް ވެސް އެނގިފައި ނުވާތީ އާއި، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުމުގެ އުސޫލުގެ މަތިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުންގެ އިއުލާނުގައި ވަނީ މި މައްސަލައާ ގުޅިގެން ތަހުގީގު ކުރަމުން ގެންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް އޭނާ މިމަހުގެ 24 ވަނަ ދުވަހު ހާޒިރުވުމަށެވެ. އަދި އެ ދުވަހުގެ 12:00 އަށް ހުޝަހީދު ޙުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.