އަންނަ ހޯމަދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވަ (ސައިން ލެންގްއޭޖް) އިން ވެސް ކިޔައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިކަމަށް އިސްނަންގަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑަށް އިޝާރާތުގެ ބަހުރުވައިން ކިޔައިދޭން މީގެ ކުރިން ވެސް އެފަދަ މީހުން އެދިފައިވެ އެވެ.

އެގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ސައިން ލެންގްއޭޖް އިންޓަޕްރިޓާ ކަމަށްވާ މަރިޔަމް ފަޒްނީ، އެ ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ކިޔައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ޓީމުގައި ފަޒްނީ ބައިވެރިވުމުން ވަރަށް ބޮޑަށް އުފާވޭ، ރައްޔިތުންގެ މަޖިލީހަށް މަރުހަބާ،" ޒިޔާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

މަޖިލީހުގެ އިދާރާއިން ވަނީ ހުރިހާ ޖަލްސާތަކެއްގައި ވެސް ކެވޭ ވާހަކަތައް އިޝާރާތުން ކިޔައިދޭނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ކޮމެޓީ ބައްދަލްވުންތައް ވެސް އިޝާރާތު ބަހުރުވައިން ގެނެސްދޭނެ ކަމަށް ބުނެފަ އެވެ.