"އެބައި މީހުންގެ ގިނަ އަންހެނުން އަންނަނީ ފޫޅުން ތިރި ނިވާވާ ވަރުގެ ފޮށައެކެވެ. އެ ކަނބަލުންގެ ހަށިގަނޑުގެ އެހެން ހުރިހާ ބައެއް އޮންނަނީ ނިވައި ނުކޮށެވެ. ބާޒާރު މަތީގައްޔާއި އެހެން ތަންތާނގައި ވެސް އެކަނބަލުން އުޅެނީ އެގޮތުގައި ތިބެގެންނެވެ.

"މިއީ ރެހެންދި ޚަދީޖާގެ ރަސްކަމުގައި ރާއްޖެ ޒިޔާރާތް ކުރެއްވި މޮރޮކޯގެ އިބުނު ބަތޫތާ ދިވެހި އަންހެނުންގެ ހެދުމާ ބެހޭ ގޮތުން ލިޔުއްވާފައިވާ ގޮތެވެ.

ބަތޫތާގެ މި ވާހަކަޔާ ހަވާލާ ދީ ބޭރުގެ ބައެއް މުއައްރިޚުން ރާއްޖެއާ ބެހޭގޮތުން ލިޔެފައިވާ ލިޔުންތަކުގައި ރާއްޖޭގެ އަންހެނުންނަކީ އުނަގަނޑުން މަތި ނިވާ ނުކުރާ ބައެއް ކަމަށް ލިޔެފައިވެ އެވެ. ރެހެންދި ޚަދީޖާގެ ރަނިކަމުގެ ޒަމާނުގައި ހަގީގަތުގައި ވެސް ދިވެހި އަންހެނުން އުޅުނީ އުނަގަނޑުން މަތި ނިވައި ނުކޮށް ހެއްޔެވެ؟ ނުވަތަ އެއީ އެ ދުވަސްވަރު ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަން ދެން ދިރިއުޅެ ރާއްޖޭގެ ފަނޑިޔާރުކަން ވެސް ކުރެއްވި ބަތޫތާއަށް އެރި އޮޅުމެއް ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އެވަރުގެ އޮޅުމެއް އޭނައަށް އެރީ ކީއްވެ ހެއްޔެވެ؟

ބަތޫތާގެ ދަތުރުނާމާގެ ތެރޭގައި ހިމެނޭ ދިވެހި ރާއްޖެއާ ބެހޭ ބައި ތަރުޖަމާ ކުރައްވައި ތަހުގީގީ ނަޒަރަކުން އެ ލިޔުން މުތާލިއާ ކުރެއްވި މަރުހޫމް މުހައްމަދު އިބްރާހިމް ލުތުފީ، ބަތޫތާގެ މި ވާހަކައާ އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.

ލުތުފީ ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހި އަންހެނުން އުނަގަނޑުން މަތި ނިވާ ނުކުރާކަމުގައި ބަތޫތާ ލިޔެފައިވާ ލިޔުން އޭނާގެ އަމިއްލަ އިބާރަތުން ވެސް ނަފީކުރެ އެވެ. ރާއްޖޭގެ އަންހެނުންގެ ހެދުމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭގެ ތެރެއިން ބައެއް މީހުން އަނދެފައި އޮންނަ އެތިގަނޑުގެ މަތީން ލިބާހެއް ލާކަމުގައި ބުނެފައި އޮވެ އެވެ.

"ދިވެހި ރާއްޖޭގެ ފަނޑިޔާރުކަމަށް އަހަރެން އިސްވުމުން އެއާދަ (އުނަގަނޑުން މަތި ނިވާ ނުކޮށް އުޅުން) ކަނޑުވައި އެކަނބަލުން ހެދުން ލުމަށް އަމުރު ކުރީމެވެ. އެކަމަކު އަހަންނަކަށް އެކަމެއް ނުކުރެވުނެވެ. ދެކޮޅުވެރިކަމެއްގައި ޝަރީއަތަށް، އަހަރެންގެ ގާތަށް އަންނަ މީހަކުނަމަ އެމީހެއްގެ ހަށިގަނޑު ނިވައި ކޮށްގެން ނޫނީ އަހަރެންގެ ގާތަކަށް ނުވައްދަމެވެ. އެކަމުގައި މިނޫން ވަރެއް އަހަންނަކަށް ނުކުރެވުނެވެ. ބައެއް އަންހެނުން އަނދެފައި ހުންނަ އެތިގަނޑުގެ އިތުރަށް ގަމީހެއް ފާޑު ލިބާހެއް ލަ އެވެ. އެބައި މީހުންގެ އެލިބާސް ހުންނަނީ އަތް ކުރުކޮށް ފުޅައު ކޮށްނެވެ." ބަތޫތާ ލިޔުއްވާފައިވެ އެވެ.

މަތީގައިވާ އިބުނު ބަތޫތާގެ ލިޔުންކޮޅުގައި އެވާ ބައެއް އަންހެނުން ގަމީހެއްފާޑުގެ ލިބާހެއް ލައި އުޅޭ ކަމަށް އޮންނަ އޮތުން ލުތުފީ ސިފަކުރައްވަނީ އެއީ އެދުވަސްވަރުގެ ދިވެހި އަނހެނުން ހެދުން އަޅައި އުޅުނު ގޮތް ކަމަށެވެ. ތިރިން ފޭއްޔެއް އަނދެފައި މަތިން އަތް މާ ދިގު ނޫން ލިބާހެއްލުމެވެ. ލުތުފީގެ މި ވާހަކަ ރަނަގަޅު ކަމަށް ވާނަމަ ބަތޫތާގެ އެ ބަޔާންކުރައްވާ ގިނަ އަންހެނުންނަކީ ކޮން ބައެއް ހެއްޔެވެ.

މަރުހޫމު ލުތުފީ ވަނީ ބަތޫތާއަށް ފެނިވަޑައިގެންނެވި ގިނަ އަންހެނުންނަކީ ކޮންބައެއް ކަން ވިދާޅުވެ ދެއްވާފަ އެވެ.

ލުތުފީ ވިދާޅުވެފައިވާ ގޮތުގައި ދިވެހި އަންހެނުން ވަރަށް ފަހަކާ ޖެހެންދެން ވެސް ލިބާސް ލާން ފަށަނީ އުމުރުން 15 އަހަރު ފުރުމުންނެވެ. ފަނަރަ އަހަރު ފުރުމުން އެކަމަށް ޚާއްސަ ރަސްމިއްޔާތަކާއެކު ލިބާސް ލެއްވުން އޮންނާނެ އެވެ. އެ ލިބާސް ލެއްވުމުގެ ފަހުން އުނަގަނޑުން މަތި ނިވާ ނުކޮށް އެއްވެސް އަނެހެނަކު ބޭރަށް ނުކުމެއެއް ނޫޅޭނެ އެވެ. މިއީ ލަފާ ކުރެވޭ ގޮތުގައި ރާއްޖެ އިސްލާމް ވީއްސުރެ ހިނގަމުން އަންނަ ސަގާފަތެކެވެ. ލުތުފީގެ ބަހުންނަމަ 1945 ވަނަ އަހަރާ ހަމަޔަށް ވެސް މި އާދަ ދެމި އޮތެވެ.

ދެކުނުގެ ބައެއް އަތޮޅުތަކުގައި އޭގެ މާފަހުން ވެސް މިއާދަ އޮތް ކަމަށްވެ އެވެ. ގާތްގަނޑާކަށް 1970 ގެ ކުރީ ކޮޅުގައި ވެސް މަދު ބަޔަކު މި އާދައިގައި ހިފަހައްޓައި އަންހެން ކުދިންގެ އުމުރުން 15 އަހަރު ފުރެންދެން ލިބާސް ނުލައި ބޭތިއްބި އެވެ. އެހެންކަމުން ލުތުފީ ދެކެވަޑައިގަންނަވާ ގޮތުގައި އިބުނު ބަތޫތާއަށް ފެނި ލެއްވި ގިނަ އަންހެނުނަނަކީ 15 އަހަރުން ދަށުގެ އަންހެން ކުދިންނެވެ.

ބަތޫތާއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ދަތުރު ކުޅަ ސައްޔާހެކެވެ. އޭނާގެ ދަތުރުނާމާއަކީ އޭނާ އަމިއްލަޔަށް ލިޔުނު ފޮތެއް ނޫނެވެ. އެ ފޮތަކީ އޭނާގެ ދިގު ދަތުރުގެ ހަނދާންތައް ކިޔައިދިން ގޮތަށް އޭރުގެ މޮރޮކޯގެ ރަސްގެފާނުގެ އަމުރުފުޅަށް އެ ރަސްގެފާނުގެ ކާތިބަކު ލިޔުނު ފޮތެކެވެ.

އެ ފޮތުގައި ރާއްޖެއާ ބެހޭގޮތުން ހުރި ގިނަ ވާހަކަތަކަކީ ރާއްޖޭގެ އަންހެނުންނާ ބެހޭގޮތުން ހުރި ވާހަކަތަކެވެ. އެ މީހުންގެ ރަނގަޅުކަމުގެ ވާހަކަ އާއި އެމީހުންނާ ކައިވެނި ކުރަން ފަސޭހަކަމުގެ ވާހަކަ އެވެ. ފިރިންނަށް ޚިދުމަތް ކޮށްދިނުމުގެ ލާމަސީލު ވާހަކަ އެވެ. އެހެން ނަމަވެސް ފިރިހެނުންނާއެކު އެއް ސުފުރާއެއްގައި ނުކާ ވާހަކަ އެވެ.

ބަތޫތާ ރާއްޖޭގައި އުޅުއްވި ނުވަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ނުވަ ކައިވެންޏެއް ކުރެއްވި އެވެ. އޭގެ އިތުރުން އެތައް ބައިވަރު ޖާރިޔާއިން ގެންގުޅުއްވި އެވެ. އެހެންކަމުން ރާއްޖޭގެ އަންހެނުން އޭނާގެ ހިތުގައި ދުވަސްތަކެއް ވަން ދެން ބިންވަޅު ނެގިފައި ހުންނާނެކަން ޔަގީނެވެ. 15 އަހަރު ނުވިޔަސް ފުރާވަރަށް އަރާފައި ތިބޭ އަންހެން ކުދިން އުނަގަނޑުން މަތި ނިވާ ނުކޮށް އުޅުމުން އޭނާގެ ނަޒަރުގައި އެ އެއީ ގިނަ އަންހެނުން ކަމަށް ވެދާނެ އެވެ.