ބަހަކީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ވަކާލާތުކޮށް އަމިއްލަ ބަހެއް އޮތުމަކީ ފަޚުރެއް ކަމަށް ދެކި، އެ ބަސް ތަރައްގީކޮށް ކުރިއަރުވަން ދިވެހިން މަސައްކަތް ނުކުރާ ޒަމާނެއް ނުދެ އެވެ. ތަރައްގީވަމުން އައި ދުނިޔޭގައި ހަލުވިކަމާއެކު ކުރިއަރަމުން އައި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ހިފަހައްޓައި ނުލެވި ދުނިޔޭގެ ބައެއް ބޮޑެތި ބަސްބަހުގެ ލިޔުންތައް މަރުވެ ދިޔައިރު ވެސް ދިވެހިން ވަނީ ދިވެހި ބަހުގެ ލިޔުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރުމުގައި ކާމިޔާބު ހޯދައިފަ އެވެ.

އެވޭލާ އަކުރާއި ދިވެސް އަކުރާއި ގަބުޅި ތާނައިން މިޒަމާނުގެ ކޮމްޕިއުޓަރުގެ ޓެކްނޮލޮޖީގައި ބޭނުންކުރެވޭ ފެންވަރަށް ދިވެހިން ވަނީ ދިވެހިންގެ ލިޔުން ވެސް ކުރިއަރުވައި ބަހަށް ހުރި ލޯބި ސާބިތު ކޮށްދީފަ އެވެ.

ދިވެހިން ޒަމާނާއެކު ކުރިއަރައި ދުނިޔެއާ ގުޅި ލާމެހެމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމެއް އޮތީ ވެސް ދިވެހި ބަހަށެވެ. ބަހެއްގެ ގޮތުގައި ދިވެހި ބަސް މުސްތަގުބަލުގައި ދެމި އޮވެދާނެތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ކޮންމެ އެއްޗެއް ކަމަށް ވިޔަސް އެ ސުވާލު މިއަދު މިވަނީ ކުރެވެން ފަށައިފަ އެވެ. އޭގެ ސަބަބުތައް ގިނަ އެވެ.

ދިވެހި ބަހުން ރީތިކޮށް ވާހަކަ ދައްކަން އެނގޭ މީހުން މަދުވަމުން ދާކަން އެންމެ ބޮޑަށް ފާހަގަ ވަނީ އިސް ބައެއް ބޭފުޅުން ބަހުގެ އެންމެ މާތް ދަރަޖައިން ވާހަކަފުޅު ދައްކަވަން ކޮށިވުމުގެ ސަބަބުން ދައްކަވާ ވާހަކަފުޅުތަކުގެ ފޭރާން ދެރަވެފައިވާތަން ފެންނަ ހިސާބުންނެވެ. ހަމަ އެއާއެކު ވެރިންނަކީ ނަމޫނާއެއް ކަމަށް ބަލާ ޒުވާނުންނަށް އެ ބަސްމަގު ނުބައިކޮށް ނަކަލު ކުރެވޭ ގޮތް މެދުވެރިވާތަން ފެނުމުންނެވެ. އެފަދަ ޒުވާނުން ލިޔުންތެރިންގެ ގޮތުގައި ލިޔާ ލިޔުމުގައި ވެސް ދަރަޖަތައް މައްސުނި ވެފައިވާތަން ފެންނަން ފެށުމުންނެވެ.

މި މައްސަލައާ މެދު ދިވެހި ބަހުގެ ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ އާމިނަތު ހުސައިން ވަނީ ފަތްތޫރައިގައި ''ދިވެހި ބަހާ މެދު ޚިޔާލެއް" މި ސުރުޚީގެ ދަށުން އެކަމަނާ ލިޔުއްވި ލިޔުއްވުމެއްގައި އަލި އަޅުއްވައި ލައްވައިފަ އެވެ.

ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ބޭނުންކޮށް އުޅޭ ތަފާތު ތިން ދަރަޖަ ކަމަށްވާ ''އާނ ހޫނ އާއި ލައްބަ ދުރުވުމާއި އާދެ ވަޑައިގެންނެވުން" އޮޅުވައިލައިގެން ވާހަކަ ދެކެވޭ އަޑު އިވެމުން ދާ ވާހަކައަށް އިޝާރާތް ކުރައްވައި އެކަމަނާ ލިޔުއްވި ލިޔުއްވުމުގައި ވަނީ ނޫސްތަކުން ފެންނަ އެފަދަ ބައެއް މިސާލު ހުށަހަޅުއްވާފަ އެވެ.

"މިސާލެއްގެ ގޮތުން ދަންނަވާނަމަ އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް މަރުހަބާ ދެންނެވި އެވެ. އަލްވަދާއު ދެންނެވި އެވެ. ޝުކުރު ދެންނެވި އެވެ. މިވެނި ބޭފުޅަކު އެމްބެސެޑަރު ކަމުގެ ފަތްކޮޅު އެރުވި އެވެ. މިކަހަލަ ގޮތް ގޮތަށް ޚަބަރުތަކުގައި ހުރެ އެވެ." އެ ލިޔުމުގައި ލިޔުއްވާފައިވެ އެވެ.

މިޒަމާނުގެ ނޫސްތަކުން އާމިނަތު ހުސައިން ނެންގެވި މި މިސާލުތަކަކީ މިހާރަކަށް އައިސް ސަރުކާރުގެ މަތީ ފަންތީގެ ބޭބޭފުޅުންނާއި ރައްޔިތުންގެ މަޖިލީގުގެ އިއްޒަތްތެރި މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުންގެ ބަސްމަގު ހުންނަ ގޮތް ކަމީ ގަބޫލު ކުރަން ޖެހިފައިވާ ހިތި ހަގީގަތެކެވެ.

ބަހާމެދު ޚިޔާލު ފާޅު ކުރައްވަމުން އައިމިނަތު ހުސައިން ގެނެސް ދެއްވި މިސާލުތަކާއެކު އެ ކަމަނާ ވަނީ އެ ކަމަނާގެ ނަޒަރުގައި އެބަސް ބަސް ކިޔާން ޖެހޭ ގޮތް ވެސް ވިދާޅުވެ ދެއްވާފަ އެވެ.

"އާދެ ވަޑައިގަންނަވާ ކިޔާ ގޮތަށް ވާހަކަފުޅު ދައްކަވާނަމަ އެވެނި ބޭފުޅަކު މިވެނި ބޭފުޅަކަށް 'މަރުހަބާ ވިދާޅުވި އެވެ.'، 'އަލްވަދާއު ވިދާޅުވި އެވެ.'، 'ޝުކުރު އަދާ ކުރެއްވި އެވެ.' މިގޮތަށް ވިދާޅުވީމާ ރަނގަޅު ވާނެ އެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވެދުމެއްގެ ގޮތުގައި އެއްޗެއް ދެއްވި ވާހަކަ ވިދާޅުވާނަމަ އެ އެއްޗެއްގެ ނަން ވިދާޅުވެފައި 'ވެދުމަށް އެރުއްވި އެވެ.' މިގޮތަށް ވިދާޅުވީމާ ދެފަރާތަށް ވެސް އެވާހަކަ ދެއްކެވެނީ އާދެ ވަޑައިގަންނަވާ ކިޔާ ބަހުރުވައިންނެވެ." އެ ލިޔުމުގައި ލިޔުއްވާފައިވެ އެވެ.

ދިވެހި ބަހުގެ ތަފާތު ދަރަޖަތަކުން ވާހަކަ ދެއްކުމުގައި ބައެއް ފަރާތްތަކަށް އަރަމުންދާ އޮޅުމާ ބެހޭ ގޮތުން ޚިޔާލު ފާޅުކުރެއްވުމަށް ފަހު އެކަމަނާގެ މަޒުމޫނު ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.

"މިއީ އަޅުގަނޑުގެ ޚިޔާލު އިނގޭތޯ އެވެ. ބައެއް ބޭފުޅުންގެ ޚިޔާލުފުޅު މުޅިން ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ."

އާމިނަތު ހުސައިންގެ އެ ޚިޔާލު ފުޅަށް އެއްވެސް ހިފެހެއްޓުމެއްނެތި އެއްބަސްވާން ޖެހެ އެވެ. ވާހަކަ ދެއްކުމާއި ލިޔުންތެރިކަމުގައި ބަހުގެ ތަފާތު ދަރަޖަތައް މަސްހުނި ކޮށްގެން ބޭނުން ކުރެވިގެން ނުވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ވަޑައިގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމަނިކުފާނަށް "މަރުހަބާ ދެންނެވުން" ރަނގަޅެއް ނުވާނެ އެވެ.