ގދ. ވާދޫގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެކަމަށް އިއްޔެ ވާދޫގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

އެ ރަސްމިއްޔާތުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

މި މަސައްކަތުގެ ދަށުން ފެނަކަ ކޯޕޮރޭޝަނުން ވަނީ އަންނަ ހަތަރު މަސްދުވަހުގެ ތެރޭގައި ހޮޅި ވަޅުލައި، ޕްރެޝަރު ޓެސްޓުކޮށް ގޭބީސީތަކަށް ކަނެކްޝަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފަ އެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީއާއެކު ވެފައިވާ އެއްބަސްވުމާއެކުގަ އެވެ.

އޭގެ އިތުރުން އެ ރަސްމިއްޔާތުގައި އެރަށަށް ނިސްބަތްވެ ވަޑައިގަންނަވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ވަނީ ފެނުގެ ނިޒާމް އެކުލަވާލުމާއެކު، ގޭބީސީތަކުގައި ޑިސްޕެންސާ ބަހައްޓައިގެން ބޭނުން ކުރެވޭގޮތަށް 18 ލީޓަރުގެ ފުޅީގައި ފެން ބަންދުކޮށްގެން އެކުންފުނިން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.