ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު ކަމަށްވާ މުލީއާގޭގައި އެ ބައްދަލުވުން ކުރިއަށް ގެންދިޔައިރު، އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި ދެ ޤައުމުގެ ދެމެދު ދެމުން އަންނަ އެއްބާރުލުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޖަޕާނު ސަރުކާރުން ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ވެދޭ ގިނަ އެހީތައް ފާހަގަކުރައްވާފަ އެވެ. ހާއްސަގޮތެއްގައި ޖަޕާނުން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޖަޕާޏުގެ ސަފީރު ވަނީ މި އަހަރަކީ ދެ ޤައުމުގެ ގުޅުމަށް 55 އަހަރުފުރޭ އަހަރުކަން ފާހަގަކުރައްވާފަ އެވެ. އަދި މި މުނާޞަބާ ފާހަގަކުރުމަށް ކުރިޔަށްގެންދެވިދާނެ ބައެއް ކަންކަމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.

ދިވެހި ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ވަނަ އަހަރުގަ އެވެ.