މެދު އިރުމަތީގެ އެއް ބާރު ކަމުގައިވާ މިސްރަކީ ރޯދަމަހަށް ހާއްސަ ތައްޔާރީތަކެއް ވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ މަގުތަކާއި ގެތައް މުޅި ރޯދަމަހު ޒީނަތްތެރި ކުރެވިގެން ދަނީ އެތައްހާސް ލެންޓަންތަކަކުންނެވެ. އެލުވާފައި ހުންނަ މި ބައްތިތަކުން ރޯދަމަހުގެ އިހްސާސް ގެނުވަ އެވެ.
އެގޮތުން މިސްރުގައި ފާހަގަ ކުރެވޭ ރޯދަމަހުގެ ސަގާފަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ރޯދަމަހުގެ ކޮންމެ ދުވަހެއްގެވެސް އިރުއޮއްސުމަށް އެގައުމުގެ މަގުތަކުގައި ރޯދަވީއްލަން ތައްޔާރު ކުރެވޭ ބޮޑު ކެއުމެވެ.
މަގުތަކުގެ އެއްކޮޅުން އަނެއްކޮޅަށް ދަމާލާފައިވާ މޭޒުތައް މަތީގައި ރޯދަވީއްލުމުގެ ސުފުރާ އަތުރާލެވޭއިރު ޖަމާއަތުގައި ރޯދަ ވީއްލަން އެކި އުމުރުފުރާގެ މީހުން މަގުތަކަށް ޖަމާވެ އެވެ.
ފާއިތުވެ ދިޔަ ދެ އަހަރު ދުވަހު ކޮވިޑް 19 ޕެންޑެމިކްގެ ސަބަބުން މި ސަގާފަތް އޮތީ ހުއްޓުމަކަށް އައިސްފަ އެވެ. ޖަމާއަތުގެ ރޯދަވީއްލުން ނުބޭއްވޭތީ ރޯދަމަހުގެ އިހުސާސް ނުކުރެވޭ ކަމަށް އޭރު އެގައުމުގެ ރައްޔިތުން ބުނަމުން ދިޔަ އެވެ.
ނަމަވެސް ފަޅު ދެ އަހަރަށްފަހު މިސްރުގެ މަގުތަކަށް މިއަހަރު މިވަނީ އަލުން ދިރުމެއް ލިބިފަ އެވެ. ޖަމާއަތުގެ ރޯދަވީއްލުން އަލުން ފެށިގެން ދިޔައިރު ރައްޔިތުންނަށް ރޯދަ މަސް ބައްދަލުކުރީ އީދެއް ފަދައިންނެވެ.