ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިނާކުރެއްވި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމައިފި އެވެ. މިކަން މިގޮތަށް ކުރަން ނިންމައި، މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ސިޓީއެއް ފޮނުވާފަ އެވެ. މިސިޓީގެ ކޮޕީއެއް "ހުރިހާ"އަށް ވަނީ ލިބިފަ އެވެ.
މީގެ އިތުރު އެ ހޮސްޕިޓަލް އިމާރާތުގެ ބިން އަގުކޮށްދިނުމަށް އެދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގެ ކޮޕީއެއް ވެސް މި ނޫހަށް ލިބިފައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓަ (އައިސީޑީ)އާއެކު ކުރަމުންދާ ކަމަށާއި، އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިން ސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕާޕޮސް ވެސަލް އެއް ހެދުމަށްފަހު ސުކޫކުގެ 51 އިން ސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް މި އެސްވީޕީއަށް ޓްރާންސްފަ ކުރަން ޖެހެ އެވެ. މިކަމަށްޓަކައި މިވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ވަނީ ނިންމާފަ އެވެ. އަދި މި ސުކޫކު އިޝޫ ކުރުމަށް ބޭނުންކުރަންޖެހޭ އެސެޓަކީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އެސެޓަކަށްވާން ޖެހޭތީ ދަރުމަވަންތަ ހޮސްޕިޓަލް މިނިސްޓްރީ އޮފް ފިނޭންންސްގެ ނަންމައްޗަށް ރަޖިސްޓްރީ ކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލަށް ދަންނަވައި ދެއްވުމަށް ފިނޭންސް މިނިސްޓަރު ރައީސްގެ އަރިހުން އެދިވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓަރު ވަނީ އެ އިމާރާތުގެ ބިމުގެ އަގުކޮށް ދިނުމަށް އެދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެ ހޮސްޕިޓަލް ރަހުނުކުރުމަށް އިމާރާތާއި އެތަނުގެ އިކުއިޕްމަންޓާއި އިމާރާތް ހުރި ބިން އަގުކުރަން ޖެހޭ ކަމަށެވެ. އަދި އިމާރާތުގެ އަގާއި އެތަނުގެ އިކުއިޕްމަންޓްތައް އެ މިނިސްޓްރީން އަގުކޮށްފައިވާ ކަމަށް ވެސް އަމީރު ފޮނުއްވި ސިޓީގައިވެ އެވެ.
"ވީމާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ބިން ތިޔަ މިނިސްޓްރީގެ ލޭންޑް ސާވޭޔަރުންގެ ލަފާގެ މަތިން އަގުކޮށްދެއްވުމަށް ދެންނެވީމެވެ،" އެ ސިޓީގައި އަމީރު އެދިވަޑައިގެންފައިވެ އެވެ.
ގާތްގަނޑަކަށް 122 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަމުންދިޔައިރު އޭރު އެމްޑީޕީ އިދިކޮޅުގައި އޮވެގެން އެ ހޮސްޕިޓަލް ތަރައްގީކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަކީ "ހޮހަޅައެއް" ކަމަށް ސިފަވާގޮތަށް އަދި އެތަނަކީ ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ނޫންކަމަށް ކެމްޕެއިން ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގެން އެކި މުނާސަބަތުތަކުގައި ވެސް ވާހަކަ ދައްކަވާފަ އެވެ.