ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބެނާތަކުގައި ސްޕެލިން ބަދަލުކޮށް، އިދިކޮޅު ކޯލިޝަނުން އަނެއްކާ ވެސް ހަރުކުރަން ފަށައިފި އެވެ.

އިދިކޮޅުން ބެނާތައް އަނެއްކާވެސް ހަރުކުރަން ފަށާފައިވަނީ މާލޭގެ އެކި ގެތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމުގެ މަސައްކަތް ފުލުހުން ކޮށްފައިވަނިކޮށެވެ.

އެގޮތުން ފުލުހުން ވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅު (ހ.ދޫވެހި) ގައި ދަމާފައިވާ ބެނާ ނެގުމަށް އެގެއަށް ވަދެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ލިޔުމެއްގައި، ގޭގެއަށް ފޮނުވި އެންގުންތަކުގައި ވަނީ އެ ބެނާތަކުގައި އާންމުކޮށް ފެންނާނެހެން އިންޑިއާ އައުޓް ޖަހާފައިހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ އަމަލެއްގެ ގޮތުގައި ސިފަވާ ކަމަށް ބުނެފަ އެވެ.

ހަމައެހެންމެ ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ވެސް އެ އެންގުމުގައި ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތް ނުހުއްޓުވާނެކަން ފާހަގަކޮށް އެކޯލިޝަނުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.