ރައީސް އިބްރާހިމް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދާ ދެމެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާކަން، އެއީ ދެން މިހާރު ސިއްރެއް ނޫނެވެ. އަދި އެ ނުތަނަވަސްކަން އުފެދިގެން އުޅެނީ ކީއްވެގެން ކަން ވެސް ޔަގީނާ ގާތަށް އެނގެ އެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ވާދަކުރުމަށް ޕާޓީގެ އިސް ދެ ލީޑަރުން ބޭނުންފުޅުވެ ވަޑައިގެންނެވުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން މިހާރު މިވަނީ ސިއްރުކުރަން އުޅުނަސް ސިއްރުނުވެ ހާމަ ވެފައިވާ ބޮޑު ދެކޮޅުވެރިކަމަކަށް ބަދަލުވެފަ އެވެ.
އެމްޑީޕީގެ ރައީސް ނަޝީދު ފާޅުގައި ވިދާޅުވަމުން ގެންދަވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެ ކަމުގަ އެވެ. އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށް ދެކޭ އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންގެ ނަޒަރުގައި ވެސް އެކަން އެގޮތަށް ވާން ޖެހެ އެވެ.
އެ މީހުންގެ ނަޒަރުގައި ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ ހާލަތު ދިމާކުރި ގޮތުން ރައީސް ނަޝީދަށް އެ ފުރުސަތު ގެއްލި ވަޑައިގެންނެވުމުން އެމަނިކުފާނުގެ "ގާއިމް މަގާމެއްގެ" ގޮތުގަ އެވެ. އެހެންކަމުން ރައީސް ނަޝީދުގެ އުޒުރު ފިލައިދިއުމާއެކު އެމަނިކުފާނާ ވެރިކަން ހަވާލުކުރެއްވުމަކީ ރައީސް ސޯލިހު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އެހެން ނަމަވެސް އެގޮތަށް އެކަން ނުވެ ރައީސް ސޯލިހު މިވަނީ ވެރިކަމުގެ ދައުރު ގާތްގަނޑަކަށް ނިންމަވައިފަ އެވެ. އެހެންކަމުން ދެން އޮތީ މިހިސާބުން ވެސް އެކަހެރިވެ ވަޑައިގެން ނަޝީދަށް ބާރުތައް ހަވާލުކުރެއްވުމެވެ.
ރައީސް ނަޝީދުގެ ސަޕޯޓަރުން އެ މަނިކުފާނު ވެރިކަމަށް ގެނައުމަށް ބޭނުންވި ކަމުގައި ވިޔަސް ރައީސް ސޯލިހު ވެސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. އެމަނިކުފާނުގެ ދޫފުޅުން އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅު ނުވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެކަމަށް ވަކާލާތު ކުރާ ފަރާތްތައް އަންނަނީ ގިނަ ވަމުންނެވެ.
ސަރުކާރުގެ ބާރުގަދަ މިނިސްޓަރުންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިލިސްޓަށް ދަނީ އިތުރު ވަމުންނެވެ. ޝަރުތަކާ ނުލައި ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ގޮވާލާ އަޑު އަންނަނީ ގަދަ ވަމުންނެވެ.
ރިޔާސީ ޓިކެޓުގެ މައްސަލައިގައި އެމްޑީޕީގެ އެތޭގައި އުފެދިފައިވާ ބައިބައިވުމުގައި ކުރި ލިބޭ ފަރާތެއް ބެލުމަށް މިހާތަނަށް ވަކަރަށް ޖަހާލަން ލިބުނު ހުރިހާ ފުރުސަތެއްގައި ވެސް ކާމިޔާބު ހޯއްދެވީ ގައުމުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ޓީމުންނެވެ. މީގެ އެންމެ ގަދަ ހިފުން ކަމަށްވާ އެމްޑިޕީގެ ޗެއާޕާސްންގެ ވޯޓު ކުރިޔަށް އޮތްއިރު މިހާތަނަށް ހިނގަމުންދާ ކެމްޕެއިންތަކަށް ބަލާއިރު ވެސް ރައީސް ސޯލިހާ ވާދަ ކުރައްވައި އެމަނިކުފާނު ބަލި ކޮށްލެވޭ ވަރުގެ ކުޅަދާނަކަން ނަޝީދަށް ލިބިވަޑައިގެން ނުވާކަން ދަނީ ހާމަވަމުންނެވެ.
ބައްޔަކަށް ފަހު ބައްޔެއްވެ، ރިޔާސީ ޓިކެޓަށް އޮތް މަގު ބެދެމުންދާކަމުގެ އިހުސާސްވާން ފެށުމަކީ ރައީސް ނަޝީދަށް އެހާ ފަސޭހައިން ބަލައިގަނެވޭނެ ކަމެއް ކަމުގައި ނުވެ އެވެ. ސަރުކާރު "ފެތެމުންދާއިރު" ސަރުކާރާއެކު އެމްޑީޕީ ފެތެން ނުޖަހޭ ކަމަށް ވިދާޅުވި ވިދާޅުވުމަކީ އެމަނިކުފާނުގެ ނުތަނަވަސްކަން ކޮޅުންލީކަމުގެ ހެއްކެކެވެ.
މިހާރުގެ ބޮޑު ސުވާލަކީ ފެތެމުންދާ ސަރުކާރުގެ އޮޑިން ފުންމައިގެން އެމްޑީޕީ ފަތައިގަންނާނީ ކޮން ދިމާލަކަށް ހެއްޔެވެ؟ ސަރުކާރާ ނުލައި ސިޔާސީ ކަނޑުގައި އެމްޑީޕީއަށް އަތުވާނެ އައްސޭރިއެއް އެބައޮތް ހެއްޔެވެ؟
ސަރުކާރުގެ ފެތެމުން ދާ އޮޑިން ރައީސް ނަޝީދު ފުންމައި ލައްވާއިރު އެމަނިކުފާނާއެކު އެކަނޑުގައި ފަތަން ތައްޔާރަށް ތިބީ ކޮން ބައެއް ބާވައެވެ؟. ހަމަ ޔަގީނުން ވެސް އެމްޑީޕީގެ މަދު ނޫން އަދަދެއްގެ މެންބަރުން ރައީސް ނަޝީދުގެ ފަހަތްޕުޅުން ދާނެ އެވެ. ހަމަ އެފަދައިން ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ފަހަތްޕުޅުގައި ސަރުކާރާއެކު ސާބިތުވެ ތިބޭނެ އެމްޑީޕީގެ މެންބަރުން ވެސް މަދެއް ނުވާނެ އެވެ.
މިއިން އެއްވެސް ބަޔަކަށް ރިޔާސީ އިންތިޚާބެއްގައި ރައްޔިތުންގެ އަޣުލަބިއްޔަތު ނުހޯދޭނެ ކަމީ ޔަގީން ކަމެކެވެ. އެހެންކަމުން ރިޔާސީ އިންތިޚާބަށް ނުކުންނައިރު މި ދެ ބައިން ކުރެ ކޮންމެ ބަޔަކަށް ވެސް ކޮންމެ ވެސް އެހެން ބައެއްގެ ނުވަތަ ޕާޓީތަކެއްގެ މަދަދު ބޭނުން ވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ރައީސް ސޯލިހު ވަނީ މިވަގުތު ރާއްޖޭގައި އޮތް އިދިކޮޅު ދެޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ ތާއީދު އެމަނިކުފާނަށް ހޯއްދަވައިފަ އެވެ. ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ޕާޓީ ތަކުން ވަނީ ސަރުކާރަށް އޮންނަ ތާއީދަށް ބަދަލެއް ނުގެނެސް ކުރިޔަށް ގެންގޮސްފަ އެވެ. ރައީސް ނަޝީދާ ރައީސް ސޯލިހުގެ ނުތަނަވަސްކަން ބޮޑުވާ ވަރަކަށް ޕާޓީތަކުގެ ލީޑަރުން ސަޕޯޓު ސަރުކާރަށް ދަނީ އިތުރު ވަމުންނެވެ.
ސަރުކާރާ މެދު އުފެދޭ ނުތަނަވަސް ކަމެއްގައި ސަރުކާރުގެ ފެތެމުން ދާ އޮޑިން ފުންމަވާލައްވާ ނަމަ ރައީސް ނަޝީދަށް ފުންމަވާ ލައްވަން ޖެހިވަޑައިގަންނަވާނީ ގިނިކަންޏާ އެވެ. އެ މަނިކުފާނާއެކު އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އެ ކަނޑުގައި ފަތަން ތައްޔާރަށް ތިބި ކަމުގައި ވިޔަސް ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ލީޑަރެއްގެ އެހީތެރިކަމާ ނުލައި އެމަނިކުފާނަށް ޖެހިވަޑައިގަންނަވާ ސިޔާސީ މާކަނޑެއްގައި ހުސް އަތާ ފައްތަވާށެވެ. އަތުޖެހޭނެ އައްސޭރިއެއް ނެތެވެ.