ކޮލަމްބޯ (23 އޭޕްރީލް) - ސްރީލަންކާގެ ނުފޫޒުގަދަ އާއިލާއެއް ކަމަށްވާ ރާޖަޕަކްސަ އާއިލާގެ އެއްވެސް މެމްބަރެއް ހިމެނޭ ސަރުކާރަކާއެކު ކޯލިޝަން ނުހަދާނެ ކަމަށް އިދިކޮޅުން ބުނެފި އެވެ.

އިދިކޮޅު މައި ޕާޓީ ކަމަށްވާ ސަމަގި ޖަނަ ބަލަވެގަޔަ ޕާޓީގެ ލީޑަރު ސަޖިތު ޕްރެމަދަސަ ވިދާޅުވީ ރާޖަޕަކްސަ އާއިލާގެ ސަރުކާރަކާއެކު އެއްވެސް ބައިވެރިވުމެއް ބާއްވަން ބޭނުންނުވާ ކަމަށެވެ.

ސަޖިތު މިހެން ވިދާޅުވެފައި މިވަނީ އިއްޔެ އެމްބިލިޕިޓިޔަގައި ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަޖިތު އިތުރަށް ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީއާއެކު ވެސް ދައުރުގެ މިހާތަނަށް އެއްވެސް ކަމެއް ނުކުރެވިގެން އުޅޭ ޕާޓީއަކުން ކޯލިޝަން ހެދުމަށް ހުށައަޅާ ކެބިނެޓްގެ އިސް މަގާތުތައް ވެސް އިދިކޮޅަށް ހުށައަޅަމުން އަންނަ ކަމަށެވެ.

"ސިއްރުން ސަރުކާރެއް ގާއިމު ކުރަން ބޭނުމެއް ނޫން. އަހަރުމެން ބޭނުމީ ރައްޔިތުންގެ ފުރިހަމަ އަޑު އިވިގެން ސަރުކާރެއް ގާއިމު ކުރަން،" ސަޖިތު ވިދާޅުވި އެވެ.

ރާޖަޕަކްސަ އާއިލާއާއެކު ކޯލިޝަން ހެދުމަށްވުރެ ސިޔާސީ ދާއިރާ ދޫކޮށް ގެއަށް ދިއުން ވެސް މާ ރަނގަޅު ކަމަށް ސަޖިތު ވަނީ ވިދާޅުވެފަ އެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުން ސަލާމަތް ވުމަށް ސަރުކާރުން ގެންގުޅެމުންދާ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ސަރުކާރަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފަ އެވެ. - ނިއުސް ވަޔާ