މިފަހަރު މި ގެނެސްދެނީ ރޯދަ ވީއްލާ ގަޑިއަށް ހަދާލަން ރަނގަޅުވާނެ ވަރަށް ރަހަމީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 1 ޕެކެޓް މާރީ ބިސްކޯދު
  • 1 ދަޅު ގެރި ކިރު
  • 2 ބިސް
  • 1 މޭޒުމަތީ ސަމްސާ ބަޓަރު
  • 4 ސަމްސާ ޒުވާރީ ފުށް
  • 1 ޕެކެޓް ފުލްކްރީމް މިލްކް
  • 1 މިލްކް ޗޮކްލެޓް

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ގެރިކިރު، ބިސް، ބަޓަރު އަދި ޒުވާރީ ފުށް މިކްސަރުން ރަގަނޅަށް ގިރާލާށެވެ. ދެން ތެއްޔަކަށް ފުލްކްރީމް މިލްކް ޕެކެޓް އެޅުމަށްފަހު ހޫނު ކޮށްލާށެވެ.
  2. ދެން ރަނގަޅަށް ހޫނުވުމުން ކުރިން ގިރާފައިވާ ބައި ތެއްޔަށް އެޅުމަށް ފަހު މަޑުމަޑުން ހަލަމުން ގެންދާށެވެ. އެއަށްފަހު އޮލަވާން ފެށުމުން ޓްރޭގައި ބިސްކޯދު ފަތުރާލުމަށްފަހު އޭގެ މައްޗަށް އޮލަކުރި ތަކެތި އަޅާށެވެ.
  3. މިގޮތަށް އަދި އެއް ފަށަލަ ހެދުމަށް ފަހު އޭގެ މައްޗަށް ޗޮކްލެޓް ގާނާށެވެ. ދެން އައިސް އަލަމާރީގައި ކުޑަކޮށް ފިނިކޮށްލަން ބަހައްޓާށެވެ.