އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަން އިއުލާން ކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާއެއްގައި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮށްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެކަން އިއުލާން ކުރައްވާފަ އެވެ.

އީވާގެ ވާހަކަފުޅުގައި މިހާރު މިއޮތީ ސީދާ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށް ދޭހަވާ ފަދަ މޭރުމަމުން ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ 2023 ގައި ބޭނުން ވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ.

"2023ގެ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ ހާމަކުރައްވާފަ އެވެ.

އެމްޑީޕީގައި މިހާރު ވަނީ ރައީސް ނަޝީދުގެ ފެކްޝަނަކާއި ރައީސް ސޯލިހުގެ ފެކްޝަނެއް އުފެދިފަ އެވެ. މިހާރު ފޯރިއާއެކު ކުރިއަށްދާ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުން ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެ އެވެ.

ތަފާތު އެކި ފަހަރުމަތިން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އެކި އެކި ވަޓްސްއެޕް ގްރޫޕްތަކުގައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

މީގެކުރިން ރައީސް ނަޝީދު ވަނީ 2023 ގައި ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.