މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.

މެޓުން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 8:11 ގަ އެވެ. އަދި ހެނދުނު 8:15 އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓުން އިތުރަށް ބުނީ އެސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށެވެ.

މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ.

އެއަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.