އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ނަމެއް ނޯންނާނެ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒުގެ ކެމްޕޭނާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ޣަފޫރު ވިދާޅުވީ އޭނާއަކީ މެމްބަރުކަމަށް ވަޑައިގަތްފަހުން މާލިއްޔަތު ކޮމިޓީގައި އިންނަވާ ބޭފުޅެއް ކަމަށެވެ. އަދި މަޖިލީހުގެ 241 ކޮމިޓީގައި ވެސް އިންނަވާ ކަމަށާއި އެއިން އެއްވެސް ކޮމިޓީއަކަށް މިހާތަނަށް ހުށަހެޅި އެއްވެސް ކޮރަޕްޝަންގެ ރިޕޯޓެއްގައި ފައްޔާޒުގެ ނަމެއް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުގައި ވެސް ފައްޔާޒުގެ ނަމެއް ނެތް ކަމަށެވެ.

ފައްޔާޒާ މެދު ވާދަވެރީން ފާޑުކިޔާ ސަބަބު އެނގޭ ކަމަށާއި ކޮރަޕްޝަންގެ އިނގިލި އޭނައަށް ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަތުގައި އެބަހުއްޓޭ އެމްއެމްޕީއާރްސީ ތިލިސްޓުގައި ހިމެނޭ ބޭފުޅުންނާއި މިހުރިހާ އެއްޗަކާއި، މިހުރިހާ ޑޮކިއުމަންޓްތަކެއް އެއިން އެއްޗަކު ނެތޭ ފަޔާގެ ނަމެއް. އެހެންވީމާ ކޮރަޕްޝަނޭ ކިޔައިގެން ދެން ކޮން ވާހަކައެއް،" ޣަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޓީމުން އަންނަނީ ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެބޭފުޅުންނަށް އެކަމުގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނެތެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އިމްތިޔާޒުގެ ކެމްޕެއިން ޓީމުގައި އިސްކޮށް އުޅޭ ބޭފުޅުންގެ ނަންތައް ވަނީ ހިމަނާފަ އެވެ. އޭގެތެރޭގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވަ އެވެ.