މޮސްކޯ (03 މެއި) - ޔޫކްރެއިން މައްސަލާގައި ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ހުޅަނގުގެ ބައެއް ގައުމުތަކަށް އިތުރު ރައްދު ފިޔަވަޅުތަކެއް އެޅުމަށް ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން ނިންމަވައިފި އެވެ.

މިކަން އިއުލާން ކުރައްވައި ޕުޓިން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ހުޅަނގުގެ ބައެއް ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ހާލަތާ ނުބައްދަލު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ރައްދެއްގެ ގޮތުން ރަޝއާއިން ވެސް އިގްތިސާދީ ފިޔަވަޅުތަކެއް އަޅަން ނިންމީ ކަމަށެވެ.

މި ބަޔާނުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅިގެންދާނެ ގައުމުތަކާއި ބޭފުޅުންގެ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ކަނޑައެޅޭ ގައުމުތަކަށް ރަޝިއާއިން ރޯ މެޓީރިއަލްސް އެކްސްޕޯޓްކުރުން މަނާވާނެ އެވެ.

ހަމައެއާއެކު ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އަމިއްލަ ކުންފުނިތައް ވެސް ބޮއިކޮޓްކޮށް އެކުންފުނިތަކާއެކު އެއްވެސް މުއާމަލާތެއް ކުރުން ވެސް މަނާ ކުރެވޭނެ އެވެ.

ޕުޓިންގެ ބަޔާނުގައި އޭނާގެ ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރުގެ އިދާރާތަކަށް 10 ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. -- އަލް އަރަބިއްޔާ