ބަންޑަކާ (05 މެއި) - ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އެބޯލާ އެފްރިކާގެ ކޮންގޯގައި ފެތުރެމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފި އެވެ.

އެ ގައުމުގެ ބަންޑަކާ ނަމަކަށް ކިޔުނު ސަރަހައްދުން އެބޯލާގެ ތިން ކޭސް ފެނިފައިވާއިރު ކޮންޓެކްޓްވި ކްލަސްޓާތައް ގިނަވަމުން އަންނަ ކަމަށް އިދާރާތަކުން ބުނެ އެވެ.

އެގޮތުން ކޮންޓެކްޓް ވެފައިވާ 44 މީހަކު ފާހަގަ ކުރެވިފައިވާއިރު އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

އެބޯލާ ޖެހިގެން ފުރަތަމަ ރިޕޯޓު ކުރެވުނު 48 އަހަރުގެ މީހާ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު މަރުވެފައިވާ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެފައިވެ އެވެ.

އެބޯލާގެ ކޭސްތައް ގިނަވާން ފެށުމާއެކު ބަންޑާކާ އަވަށުގައި އެބޯލާގެ ވެކްސިން ދޭން ފަށާފައިވާއިރު ސިއްހީ އެހީތެރިން އަންނަނީ ކޭސްތައް އިތުރުވެދާނެ ކަމަށް ތައްޔާރު ވަމުންނެވެ.

މިއީ ކޮންގޯގެ ތާރީހުގައި އެބޯލާ ބަލި ފެތުރެން ފެށި 14 ވަނަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ