މާލެތެރޭގައި ވަޅި ޖެހުމާއި ނުރައްކާތެރި މާރާމާރީތައް އާންމުވަމުން ދާތީ އިދިކޮޅު ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަންބޮޑުވުންފާޅު ކުރައްވައިފި އެވެ.

މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު އަނެއްކާވެސް ވަޅި ޖެހުމާއި ނުރައްކާތެރި ކުށްތައް އާންމުވެފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ގިނަވަނީ ފުލުހުން އެކަންކަމާމެދު އަޅާނުލާތީ ތޯ ނުވަތަ އެފަދަ އަމަލުތަކުގެ އަޑީގައި ތިބި ފަރާތްތަކަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންތޯ ރައީސް ޔާމީންވަނީ ސުވާލު ކުރައްވާފަ އެވެ.

ރައީސް ޔާމީން މިގޮތަށް ޓުވީޓު ކުރައްވާފައިވާއިރު ފާއިތުވި ދެތިން ދުވަސް ތެރޭގައި މާލެ ސަރަހައްްދުގައި ވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގިނަ މާރާމާރީތަކެއް ހިންގާފަ އެވެ. މިގޮތުން އިއްޔެ އެކަނިވެސް ވަޅި ޖެހުމުގެ ތިން ހާދިސާ ހިންގާފައިވެެ އެވެ. ފުލުހުން ވަނީ މިކަމާއި ގުޅިގެން ބަޔަކު ހޯދުމަށް އާންމުންގެ އެހީއަށްވެސް އެދިފަ އެވެ.