މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ޕީޕީއެމްގެ ލީޑާޝިޕް ބަދުނާމުކޮށް ދައްކާފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ނަހުލާގެ ވާހަކަތައް ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕާޓީގެ އާންމު މެންބަރުން ގާތު އާއި، ސޯޝަލް މީޑިއާގައި އެ ޕާޓިއާއި އެ ޕާޓީގެ ލީޑާޝިޕް ބަދުނާމުކޮށް ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަން ނަހުލާ ފަށާފައިވާ ކަމަށެވެ.

އެ ވާހަކަތަކަކީ ވިލިމާލޭ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރާ ކެންޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަ ކުރަމުން ގެންދާ ކެންޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ހެއްކާއެކު ލިބި، އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ނަހުލާ ދައްކާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރު ޕީޕީއެމްގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި ފިތުނަ އުފެދޭ ވާހަކަތައް ނަހުލާ ދައްކަމުން ގެންދާކަން ވެސް ފާހަގަ ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދި އެކަންކަން ކުރުމުގައި ނަޙުލާ އާއެކު އޭނާއަށް ވާގިވެރި ވުމުގައި، އޭނާގެ މަންމަ އާމިނަތު ލީލާ ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެހެންކަމުން ނަހުލާ ޢަލީގެ އިތުރުން އާމިނަތު ލީލާގެ ވެސް ސުލޫކީ މައްސަލައެއް ޕާޓިން ގެންދަނީ ބަލަމުންނެވެ. ނަޙުލާ ޢަލީ އަދި އާމިނަތު ލީލާ އާއި ގުޅިގެން ސުލޫކީ ކޮމިޓީން ބަލަމުން ގެންދާ މައްސަލަ ކުރިއަށް ގެންދިއުމުގައި އެދެބޭފުޅުންގެ އެއްބާރުލުން ނުލިބޭކަންވެސް މިފުރުޞަތުގައި ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ޕާޓީއާ ގުޅޭގޮތުން ނަހުލާގެ ކޮށްކޮށް މަރްޔަމް ނަފްހާ އަލީ ދޮގު ވާހަކަތަކެއް ދެއްކި މައްސަލަ ބަލަމުން ދަނިކޮށް އޭނާ ޕާޓީން ވަކިވެފައިވާ ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

އެނގިފައިވާގޮތުގައި އެ ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަމުން އަންނަނީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި އެމްއެންޕީން ވާދަކުރާ ކެންޑިޑޭޓަށް އޭނާ ކެމްޕެއިންކޮށްދިން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ ކަމަށް ނަހުލާ ވަނީ އިންކާރުކޮށްފަ އެވެ. ނަހުލާ ވިދާޅުވީ އެ ބައި އިލެކްޝަންގައި ވާދަކުރުމަށް އޭނާ ވިދާޅުވެގެން ކުރިމަތިލި ކެންޑިޑޭޓުގެ ނަން ނެގުމަށް ޕީއެންސީގެ ނައިބު ރައީސަކު މަޖުބޫރި ކަމަށެވެ. އަދި އެ ބައި އިލެކްޝަންގައި ވާދަކޮށްފައި ވަނީ ޕީއެންސީގެ އެ ނައިބު ރައީސް ބޭނުންވި ކެންޑިޑޭޓް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރާނެ ކަމުގެ އިންޒާރު ޕީއެންސީގެ ނައިބު ރައީސަކު ދެއްވާފައިވާ ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އަތުން ފައިސާ ނެގި ކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރެއެވެ. ނަމަވެސް އެކަމާ ގުޅިގެން ނަހުލާ ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ.