90ގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރިޝީ ކަޕޫރާއި އެންމެ ފަހުން ވާހަކަ ދެއްކުނީ ކޮން ވަގުތަކުކަން އޭނާގެ އަންހެނުން ނީތޫ ކަޕޫރް ކިޔައިދީފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނީތޫ ވަނީ ފިރިމީހާ މަރުވުމާއި ގުޅިގެން އޭނާއަށް ފުން އަސަރު ކޮށްފައިވާކަމަށް ބުނެފަ އެވެ. އަދި އިންޓަވިއުގައި ވާހަކަ ދައްކަމުން ނީތޫ ވަނީ އޭނާ އެންމެ ފަހުން ފިރިމީހާއާ ވާހަކަ ދެއްކިއިރު ހާމަކޮށްފަ އެވެ.

ނީތޫ ބުނިގޮތުގައި އޭނާ އެންމެ ފަހުން ރިޝީއާ ވާހަކަ ދެއްކީ 2020 ވަނަ އަހަރުގެ އޭޕްރިލް 13 ވަނަ ދުވަހުގަ އެވެ. އަދި އެއަށްފަހު ރިޝީ ވެންޓިލޭޓަރަށް ލެވުނުކަމަށް އޭނާ ބުނެފައިވެ އެވެ.

ނީތޫ އިތުރަށް ބުނިގޮތުގައި އެދުވަހަކީ އެދެމީހުންގެ އެންގޭޖުމަންޓް އެނިވާސަރީ ފާހަގަކުރި ދުވަހެވެ. އަދި ވެންޓިލޭޓަރަށް ލައިގެން ފަރުވާދޭ މަންޒަރު ބަލަން އޭނާއަށް ވަރަށް އުނދަގޫވިކަމަށް ނީތޫ ބުނެފައިވެ އެވެ.

އޭޕްރިލް 14 ވަނަ ދުވަހު އޭނާގެ ދަރިފުޅު ރަންބީރާއި އާލިއާ ކައިވެނި ކުރި ނަމަވެސް، ހިންދޫ ކައިވެނިތަކުގައި އެންމެ މުހިންމުވާ "ޕޫޖާ" ބޭއްވުނީ އޭޕްރިލް 13 ގައި ކަމަށް ވެސް ނީތޫ ބުނެފައިވެ އެވެ.

ލުކީމިއާއަށް ފަރުވާކުރަމުން ދަނިކޮށް ރިޝީ މަރުވީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހު 30 ވަނަ ދުވަހުގަ އެވެ. ރިޝީގެ މަރާއެކު އާންމުން ވެސް އެކަމާ ހިތާމަ ފާޅުކޮށްފައިވެ އެވެ.