މަސްކިރުމަށް މިހާރު ދިމާވާ ދަތިތަކަށް މިއަހަރުގެ ތެރޭގައި ވަގުތީ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެއާއެކު ދާއިމީ ހައްލެއް ހޯއްދެވުމުގެ މަސައްކަތްތައް ވެސް ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އިސް ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންނަށް ހުރި ދަތިތައް ހައްލުކޮށް މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މި ސަރުކާރުން މިހާރު ވެސް ފަށައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް އަދިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވި އެވެ.
މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްގެންދާނީ މަސްވެރިކަމުގެ ތަޖުރިބާކާރު އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއެކުކަން ރައީސް ފާހަގަކުރެއްވި އެވެ. އެގޮތުން ދެކުނުގެ މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރިޔަށްގެންދާނީ މި ބައްދަލުކުރެއްވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކުރައްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި މަސްވެރިންގެ ފަރާތުން ވަނީ ދެކުނުގެ މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށައަޅާފަ އެވެ. އަދި މަސްވެރިން ފާހަގަކުރި ކަންކަމުގެ ތެރޭގައި މަސްވެރި މޫސުމުގައި ބާނާ މަސްކިރޭނެ ގޮތްނުވުމާއި، ކިޔުގައި ގިނަ ވަގުތު މަޑުކުރަންޖެހުމާ ގުޅިގެން މަސްތައް ހަލާކުވުމުގެ އިތުރުން މަސްބާނާ ސަރަޙައްދުން މަސްކިރަން ދާންޖެހޭ ސަރަހައްދަށް ދިއުމަށް ދިގު ދަތުރެއް ކުރަންޖެހޭތީ ދިމާވާ ދަތިތައް ހިމެނެ އެވެ. މީގެ އިތުރުން މަސްވެރިން ވަނީ ދުރަށް ދުއްވަންނުޖެހި މަސްކިރޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އަދި ފަރެސްމާތޮޑާ ސަރަހައްދުގައި މަސް ފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ.