އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުން ދޭ ސީޓީ ސްކޭންގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
މިކަމާ ގުޅިގެންއައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ވަނީ އެ ހޮސްޕިޓަލުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ބޭނުން ކުރަމުންދާ ސިޓީ މެޝިންތަކުގައި މައްސަލައެއް އުޅޭކަމަށް ބުނެފަ އެވެ.
މެޝިންތަކަށް ވަގުތީ މެއިންޓެއިނެންސްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް، ހޮސްޕިޓަލުން ބުނީ އެކަމުގެ ސަބަބުން ސިޓީ ސްކޭންގެ ހިދުމަތް ވަގުތީގޮތުން މިހާރު މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެމަޖެންސީކޮށް ކުރުމަށް ބޭނުންވާ ސިޓީ ސްކޭންތައް ހުޅުމާލެ ހޮސްޕިޓަލުން ކުރަމުން ގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، އެ މެޝިންތަކުގެ މެއިންޓެއިނެންސް މަސައްކަތް އެއްކޮށް ފުރިހަމަވުމާއެކު ހަފްތާއެއްހާ ދުވަސް ތެރޭގައި އަނެއްކާވެސް ހިދުމަތް އަލުން ދެވޭނެ ކަމަށެވެ.
ހަމައެހެންމެ މެޝިންތަކުގެ މެއިންޓަނެންސްގެ މަސައްކަތް ނިމުމާއެކު އެ ހިދުމަތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
މިކަމުގެ ސަބަބުން ސީޓީ ސްކޭންގެ ހިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެ ހޮސްޕިޓަލުން ވަނީ މާފަށް އެދިފަ އެވެ.