އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކެމްޕެއިން ކުރުމަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފި އެވެ.
ފައްޔާޒު ކެމްޕޭންގެ އެންމެ ފަހު މަންޒިލަކަށް ވަޑައިގަތްފައިވަނީ ތ. ބުރުނީ އަށެވެ.
ފައްޔާޒުގެ ކެމްޕޭންގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫގެ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ކެމްޕޭން ދަތުރުތަކުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދެވިއްޖެކަން ހާމަކުރައްވާ މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ހިންގާލުމުގެ ސިލްސިލާ އިން ރާއްޖެ ވަށާ ޖެހުނު ފަހު ދަތުރު ނިމުނީ ކޮޅުމަޑުލުން ކަމަށެވެ. އަދި މުޅި ރާއްޖޭގައި އެމްޑީޕީ ހިންގާލުމަށް އެދި ތިބި މެންބަރުންގެ އަޒުމާ ހިތްވަރަށް ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި އިންތިހާބުގައި ފައްޔާޒާއި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިހާޒު ފަހުމީ (އިންތި) ވެސް ވަނީ ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފަ އެވެ.
ދެ ކެންޑިޑޭޓުން ވެސް ފޯރިއާއެކު ކެމްޕޭން ކުރިއަށްގެންދާއިރު، މާދަމާ ރޭ އަދި ބުރާސްފަތި ދުވަހުގެރޭ ދެ ކެންޑިޑޭޓުންގެ ދެމެދުގައި ދެ ބަހުސެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
މިއިންތިޚާބާއި ގުޅިގެން އެމްޑީޕީ ވަނީ ވަރަށް ބޮޑަށް ބައިބައިވެ މުޅި ޕާޓީ ދެބަޔަކަށް ބެހިފަ އެވެ. އަދި ޕާޓީގެ ދެ މި ފެކްޝަންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލުކުރަމުން ވެސް އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޮންނާނީ އަންނަ މި މަހުގެ 14 ވަނަ ދުވަހު އެވެ.