ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް މާލެ ސިޓީ ކައުންސިލްގެ މައްޗަށްގޮޅި މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޒަމީރު ތާއިދުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު ޒަމީރު އިންޑިއާ އައުޓް ހަރަކާތްތައް ތާއީދު ކުރައްވާކަން ހާމަކޮށްފައިވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި އެވެ.

އެ ޓުވީޓްގައި ވަނީ ޒަމީރު އިންޑިއާ އައުޓް ޖަހާފައި ހުރި ޕޯސްޓަރެއް ހިފައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

ކައުންސިލަރު ޒަމީރު ނިސްބަތްވާ މައްޗަންގޮޅި މެދު ދާއިރާއަކީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ދާއިރާ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ހަކަރާތް ހުއްޓުވުމަށް ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ވެސް ނެރެފަ އެވެ.

އެއާއެކު މާލޭގެ އެކި އިމާރާތްތަކުގައި ދަމާފައިހުރި އިންޑިއާ އައުޓް ބެނާތައް ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނަގަމުން ގެންދިޔަ އެވެ.