ފިލްމު ކުޅޭ ފަންނާނުންގެ ދަރިން ހީވަނީ ކައްކާފަ ހުރި ބިސްތަކެއްހެން ކަމަށް ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަންގަނާ ރަނާއުތް ބުނެފި އެވެ.

ބޮލީވުޑަށްވުރެ ބޮޑަށް ސައުތު އިންޑިއާގެ ފިލްމުތައް ކުރިއަރާ ސަބަބާއި ގުޅޭގޮތުން ވާހަކަދައްކަމުން ކަންގަނާ ބުނީ، ބޮލީވުޑް ދަށަށް ދަނީ ފިލްމުތަކަށް އަލަށް ނެރޭ ފަންނާނުންގެ ދަރިންގެ ސަބަބުން ކަމަށެވެ.

އެގޮތުން މިހާރު ފިލްމުތައް ކުޅެން ނެރޭ ކުދިންތަކަކީ އިނގިރޭސި ވިލާތުގައި ކިޔަވައި، އިނގިރޭސި ފިލްމުތައް ބަލައިގެން އިނގިރޭސި ވިލާތުގެ ސަގާފަތަށް ބޮޑެތިވާ ކުދިންތަކެއް ކަމުގައި ކަންގަނާ ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ފިލްމު ތަކުގައި ދައްކައިދޭ އިންޑިއާ ސަގާފަތާއި ބީރައްޓެހި ކަމަށާއި، ބެލުންތެރިންނާއި ގުޅުން ބަދަހިވާނެހެން އެ ހުނަރު އެކުދިންނަށް ދައްކައި ނުދެވޭކަމަށް ކަންގަނާ ބުނެފައިވެ އެވެ.

މިފަހުން މަޝްހޫރުވި ސައުތު އިންޑިއާގެ ފިލްމެއް ކަމަށްވާ "ޕުޝްޕާ"ގެ މިސާލުދެމުން ކަންގަނާ ބުނީ އިންޑިއާގައި މަސައްކަތް ކުރާ ލޭބަރާއެއްގެ ރޯލު، ފިލްމުގައި ޕުޝްޕާގެ ރޯލު ކުޅެދިން ބަތަލު ކަމަށްވާ އަރްޖުން ވަރަށް ފުރިހަމައަށްވެސް ދައްކައިދީފައިވާކަމަށެވެ.

ހަމައެހެންމެ އެ ފިލްމަކީ ފިލްމު ބެލި މަޖޫރީން ފަދަ މަސައްކަތްތެރީންގެ އިހުސާސްތަކާއި ކުޅެލާނެ ފިލްމެއް ކަމަށާއި، ފިލްމު ކުޅުމަށް އެފަދަ މީހުންގެ އިހުސާސްތައް ދެނެގަނެ، ތަޖުރިބާ ހުރި ފަންނާނުން އެ ރޯލުތަކަށް ނެގުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ކަންގަނާ އަކީ އިންޑަސްޓްރީގައި ދިމާވާ އެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލާ ފަންނާނެކެވެ.