މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާއަކީ ފޭނުންނަށް އެންމެ ކަމުދާ ޖޯޑުތަކުގެ ތެރެއިން އެއް ޖޯޑެކެވެ.

ހަމައެހެންމެ ދެ ފަންނާނުން އެކީގައި ފެންނަ އިރު، އާންމުންނަށް ފެނިގެންދާ އެކުވެރިކަމުގެ މަންޒަރަކީ އެކަމަކަށް އާންމުންގެ ގިނަ ތައުރީފެއް އެ ދެމަފިރިންނަށް ލިބޭ ކަމެކެވެ.

ހަމައެފަދައިން އަނެއްކާވެސް އެދެމަފިރިންގެ އެކުވެރި މަންޒަރުތައް ފަހަކަށް އައިސް ސޯޝަލްމީޑިއާގައި ދަނީ އާންމުވަމުންނެވެ.

އަނުޝްކާ އޭނާގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ޗަކްދާ އެކްސްޕްރެސް" ގައި ކްރިކެޓް ކުޅޭ މީހެއްގެ ރޯލު އަދާކުރާއިރު، އެކަމަށް އަނުޝްކާއަށް ބޭނުންވާ ފަރިތަކުރުންތަކަށް އެހީތެރިކަން ހޯދަނީ ފިރިމީހާގެ ފަރާތުން ކަން އާންމުންނަށް ވަނީ ހާމަވެފަ އެވެ.

އަނުޝްކާ ބުނިގޮތުގައި ޝޫޓިންގައި އޭނާ ކްރިކެޓް ކުޅޭ ގޮތް ވިރާޓަށް ދައްކައި އޭނާގެ ހިޔާލު އެކަމަށް ނަގަ އެވެ. އަދި ވިރާޓުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭކަމަށްވެސް އަނުޝްކާ ބުނެފައިވެ އެވެ.

އަނުޝްކާއަކީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފިލްމުތަކުގައި ޖާގަ ހޯދައި، ކާމިޔާބު ރޯލުތަކެއް އަދާކޮށްފައިވާ ފަންނާނެކެވެ. އަދި ވިރާޓަކީ، ވެސް އިންޑިޔާގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކްރިކެޓާ އެކެވެ.

އެ ދެފަންނާނުންގެ ކައިވެންޏަށް މިހާރު ފަސް އަހަރު ފުރިފައިވާއިރު، އެ ދެމަފިރިންނަށް ވަނީ އަންހެން ކުއްޖެއްވެސް ލިބިފަ އެވެ.

އެ ދެމަފިރިންގެ ދަރިފުޅު، ވާމިކާގެ ބައެއް ފޮޓޯތައް މޫނު ނުފެންނަހެން ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާއިރު، ވާމިކާގެ މޫނު ނުފެންނަ ފޮޓޯތައް އެކަނި ފެނި ވެސް ފޭނުންގެ ހިތްތައް ވަނީ ފުރާލާފަ އެވެ،