ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ހިނގާލުމުން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކައިރީގައި މިރޭ ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސްއަޅާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގައި ހަރަކާތްތެރިވި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ "އިންޑިއާ އައުޓް"ގެ ބެނާތައް ހިފައިގެން އެ ސަރަހައްދުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި އެ ޕާޓީގެ ސަޕޯޓަރުން، އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލައި، މާލޭގެ މަގުތަކުގައި ހިނގަން ފެށުމުން އެސްއޯ ފުލުހުން ވަނީ ހިނގާލުމަށް ހުރަސްއަޅާފަ އެވެ.
އެވަގުތު މުޒާހަރާގައި ހަރަކާތްތެރިވާން އުޅުނު ޕީޕީއެމް ސަޕޯޓަރުންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. މުޒާހަރާގެ ތެރެއިން އެ ޕާޓީގެ "ވިމެންސް ވިންގް"ގެ ގިނަ އަދަދެއްގެ އަންހެން ސަޕޯޓަރުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިވި ބައެއް ބައިވެރީންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަން ފާހަގަކޮށް ޕީޕީއެމުން ބުނީ، މުޒާހަރާގެ ތެރެއިން އަނިޔާ ލިބުނު ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެ ދެމީހުންނަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް ޕީޕީއެމުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގަރާރެއް ނެރުއްވާފަ އެވެ.
ނަމަވެސް އެކަމަށް ރައްދުދެމުން އިދިކޮޅުން ބުނީ ބިރުދެއްކުމަށް ސަރުކާރުން ނެރޭ އެފަދަ ގަރާރަކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.
އެއް ދުވަހު މަރުވި 2 ގައިދީންގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ބޭރަށް
ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްވެއްޖެ
ސަރުކާރަށް މެޖޯރިޓީ ދީފި ނަމަ ކައުންސިލްތައް އުވާލާނެ: ޣަފޫރު
