އެކި މިނިސްޓްރީތަކުގެ ނަމުގައި މަކަރާއި ހީލަތުން ގުޅައި، މީހުންގެ އަތުން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ އެފަދައިން އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ފުލުހުންނަށް ހުށަހެޅެމުންދާކަމަށެވެ.

ފުލުހުން ބުނިގޮތުގައި މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ އަތޮޅުތެރޭގެ ރަށްތަކުގައި އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށެވެ.

އެގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

އެފަދަ މީހުން ހެލްތު މިނިސްޓްރީގެ ނަމުގައި ގުޅާނަމަ ގުޅަމުން ދަނީ ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ސްކޫލެއްގެ މުވައްޒަފަކަށް ގުޅާނަމަ އެޑިއުކޭޝަން މިނިސްޓްރީގެ ނަމުގައި ގުޅަމުން ގެންދާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި އެމީހުން ބުނަމުން ގެންދާކަމަށެވެ. އަދި ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ވަނީ މިގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުންކަން ފާހަގަކޮށްފަ އެވެ.

އެހެންކަމުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.