އާއްމުކޮށް ބޭނުންކުރާ ކަރަންޓް ސާމާނުގައި، އެންވަޔަރަމެންޓް މިނިސްޓްރީގެ "ހަކަތަރި" ލޭބަލް އެސްޓީއޯއިން ޖަހަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތައާރަފްކުރި "ހަކަތަރި" ލޭބަލަކީ ކަރަންޓު ސާމާނުން ހަކަތަ ބޭނުންކުރާ ވަރާއި އެ ތަކެތީގެ އެފިޝިއެންސީ ދައްކައިދޭން ޖަހާ ލޭބަލެކެވެ.

މި ލޭބަލް އެސްޓީއޯ އިން ޖަހަން ފެށިއިރު، އާންމު ދިރިއުޅުމުގައި ކަރަންޓުން ބޭނުންކުރާ ތަކެތީގެ މަސައްކަތުގެ މިންވަރާއި ހަކަތަ ބޭނުންކުރާ މިންވަރު ހަކަތަރި ލޭބަލް އިން ފެންނާނެ އެވެ. އަދި އެ ލޭބަލްގައި އިންނަ އެފިޝިއެންސީ މިން ކޮށްދޭ ފަސްތަރިން، ގިނައިން ކަރަންޓު ހަރަދު އަރާ ތަކެތި ފާހަގަކުރަން ފަސޭހަވާނެ އެވެ.

ހިޓާޗީ އާއި ގްރީ ފަދަ ކުންފުނިތަކުން އުފައްދާފައިވާ ކަރަންޓު ސާމާނުގެ ތެރެއިން ދެ ކުންފުނީގެ ތަކެތީގެ ތަފާތު ވެސް ފެނިގެންދާނެ އެވެ.

އެސްޓީއޯގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ހަކަތަރި ލޭބަލް ބޭނުންކުރަން ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި އެސްޓީއޯގެ ސީއީއޯ ހުސައިން އަމްރެވެ.

އެ ލޭބަލް ޖަހާފައި ހުރި ބައެއް ތަކެތި އެ ރަސްމިއްޔާތުގައި އެސްޓީއޯ އިން ވަނީ ދައްކާލައިފަ އެވެ.

ހަކަތަރި ލޭބަލް ބޭނުންކުރުމުގެ އެންމެ ބޮޑު އެއް އަމާޒަކީ އާއްމުކޮށް ބޭނުންކުރާ ފްރިޖާއި އޭސީ ފަދަ ވަސީލަތްތަކަކީ އެންމެ ރަނގަޅު ގޮތުގައި ކަރަންޓު ބޭނުންކުރާ ވަސީލަތްތަކެއް ކަން ކަށަވަރުކުރުން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރުކުޑަކުރަން ކުރާ މަސައްކަތުގައި، އެ ލޭބަލަކީ ވެސް ހިތްވަރަކަށް ވެގެންދާނެ އެވެ.