މަޝްހޫރު ލަވަކިޔުންތެރިޔާ، ނިކް ޖޯނަސް، ޕްރިޔަންކާއަށް އަގުބޮޑު ކާރެއް ހަދިޔާކޮށްފި އެވެ.

ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމުގައި ނިކް ހަދިޔާކޮށްފައިވާ ކާރު ދައްކާލާފައިވާއިރު، ކާރުގެ އެއް ފަރާތުގައި "މިސްސް ޖޯނަސް" ޖަހާފައިވެ އެވެ. އަދި ޕްރިޔަންކާ ފެންނަނީ ކާރު ދުއްވާ ސީޓުގައި އިންނަ މަންޒަރެވެ.

ޕްރިޔަންކާ އާންމު ކުރި ޕޯސްޓުގައި ނިކްއަކީ އެންމެ ރަނގަޅު ފިރިމީހާ ކަމުގައި ސިފަކޮށްފައިވެ އެވެ. އަދި އެ ޕޯސްޓަށް ގިނަ އަދަދެއްގެ ފޭނުން ވެސް ތައުރީފުކޮށްފައިވެ އެވެ.

ނިކް، ޕްރިޔަންކާއަށް އަގުބޮޑު ކާރެއް ހަދިޔާކޮށްފައިވާއިރު، އެ ކާރުގެ އަގު 14.16 ލައްކަ ރުފީސްއަށް އަރަ އެވެ.

ޕްރިޔަންކާ އާއި ނިކް އިންޑިއާގެ ރާޖަސްތާނުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު، އެ ދެމީހުންނަށް ވަނީ ސެރޮގެސީ މެދުވެރިކޮށް އަންހެން ކުއްޖަކު ވެސް ލިބިފަ އެވެ.

ޕްރިޔަންކާ މިވަގުތު ދަނީ "ސިޓަޑެލް" ގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ. ސިޓަޑެލްގައި ޕްރިޔަންކާއާ އެކު ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ 'ގޭމް އޮފް ތްރޯންސް' ކާސްޓުގެ ބައެއް އެކްޓަރުން ވެސް ފެނިގެންދާނެ އެވެ.