އަވަށްޓެރި ސްރީލަންކާގައި ކާބޯތަކެއްޗެއް ނެތެވެ. ހަކަތަ އުފައްދާނެ ޕެޓްރޯލެއް ނެތެވެ. ރައްޔިތުން އިންތިޚާބު ކުރި ސަރުކާރެއް ވެސް ނެތެވެ. މިހާލަތުގައި، ވެއްޓިފައިވާ އަޑިގަނޑުން އަރައިގަންނަން ކުރަމުންދާ ދަތި، އުނދަގޫ، އޮޅުން ބޮޅުން ބޮޑު މަސައްކަތް ވިލަރެސްކޮށް ހިންގަވަން ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަނީ އިސްނަންގަވާފަ އެވެ.
އެމަނިކުފަނުގެ އިސްނެންގެވުމަށް މަރުހަބާ ވިދާޅުވެ ލަންކާގެ ވަގުތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެ ގައުމަށް ބޭރު ފައިސާ ހޯދުމުގެ އެންމެހާ ކަންތައް ހިންގުމުގެ އިސް ވެރިޔަކަށް ނަޝީދު ހަމަ ޖައްސަވައިފަ އެވެ. ލަންކާއަށް ދިމާވެފައިވާ ހާލުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ދިވެއްސެއްގެ ހިއްސާ މިފަދަ ގޮތަކަށް ދެވޭ ގޮތް ވުމީ ދިވެހިން އުފާ ކުރާނެ ކަމެކެވެ.
ސުވާލަކީ ނަޝީދަށް ލަންކާއަށް ބޭނުންވާ މާލީ އެހީ ހޯދައި ދެވިދާނެ ހެއްޔެވެ؟
ސްރީލަންކަގެ ހާލަތު ގޯސްވެ، ސަރުކާރަށް ހިފަހައްޓާ ނުލެވޭ ވަރުވުމާއެކު ބޭރުގެ އެހީ ހޯއްދެވުމަށް ރައީސް ގޮތަބަޔާ ރާޖްޕަކްސަ އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ލަންކާއަށް އުފަން އިކޮނޮމިސްޓެއް ކަމަށްވާ ޑރ. ޝަންތަޔާނަން (ޝަންތާ) ދެވަރާޖަންއަށެވެ. ޝަންތާއަކީ ވޯލްޑް ބޭންކްގެ އޭޝިޔާ އާއި އެފްރިކާ އާއި މެދު އިރުމައްޗާ ބެހޭ ޗީފް އިކްނޮމިސްޓްކަން ކުރައްވައިވާ ބޭފުޅެކެވެ. މިވަގުތު އެއީ އެމެރިކާގެ ޔުނިވާސިޓީއެއްގެ އިކޮނޮމިކް ޕްރޮފެސަރެކެވެ.
ރާޖަޕަކްސަގެ ސަރުކާރާއެކު ކުރެވުނު އެތައް މަޝްވަރާއަކަށްފަހު ލަންކާއަށް ބޭނުންވާ މާލީ އެހީ ހޯދުމުގެ މަސައްކަތުގައި ސަރުކާރަށް މަގުދައްކައި، ޕްލޭންތައް ރޭވުމުގައި އެންމެ އިސްކޮށް ހުންނެވީ ޝަންތާ އެވެ. ލަންކާގެ ފައިނޭންސް މިނިސްޓަރު އަލީ ސަބްރީގެ އަތްޕުޅުގައި ހިތްޕަވައިގެން އައިއެމްއެފަށާއި ވޯލްޑް ބޭންކަށް ގެންދެވީ ޝަންތާ އެވެ.
ޝަންތާގެ ލީޑަޝިޕްގެ ދަށުން މި ޖަމާއަތްތަކާއެކު ލަންކާއަށް ވަނީ އެހީގެ އެއްބަސްވުމަކަށް އާދެވިފަ އެވެ. އިމަޖެންސީގައި ބޭނުންވާނެ ފަންޑު ވެސް ވަނީ ދޭން ފަށައިފަ އެވެ. މި އެހީގެ ޕްރޮޖެކްޓް ހިނގައިގަންނަން މިވަގުތު ބޭނުންވަނީ ލަންކާގައި ގާނޫނީ ސަރުކާރެއް އޮވެ ގައުމު ހިންގުމުގެ ކުޅަދާނަކަން އެ ސަރުކާރަކަށް ލިބިފައިވުމެވެ.
ގައުމުގެ ހާލަތު ގޯސްވެ މަގުތަކަށް އާންމުން ނިކުމެ ހިނގައިދިޔަ ހާދިސާތަކަކަށް ފަހު ލަންކާގެ ބޮޑުވަޒީރު ކަމަށް މިހާރު ވަނީ ކުރިން އެކި ފަހަރު މަތިން ބޮޑު ވަޒީރު ކަން ކުރެއްވި ރަނިލް ވިކްރަމަސިންހަ އިސް ކުރެވިފަ އެވެ. ރަނިލްއަކީ އޭނާގެ ޕާޓީއަށް ޕާލަމެންޓުގެ އެންމެ ގޮނޑިއެއް ވެސް ލިބިފައި ނުވާ ބޭފުޅެކެވެ.
ލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ސިޔާސީގޮތުން ފުންނާބު އުސް ބޭފުޅެއް ކަމުގައިވާ ޖޭއާރި ޖަޔަވަރުދަނާގެ އާއިލީ ބޭފުޅެއް ކަމުގައިވާ ރަނިލްއަށް އާއިލީ ގޮތުން ލިބިވަޑައިގެންނެވި ނުފޫޒާއެކު ވަރަށް ޅައުމުރުފުޅުގައި ސިޔާސީ ދާއިރާއަށް ނިކުންނެވި ނަމަވެސް ލީޑަރެއްގެ ހައިސިއްޔަތުން ލަންކާގެ ސިޔާސީ މައިދާނުގައި މާބޮޑު ކާމިޔާބެއް ލިބިވަޑައެއް ނުގަންނަވަ އެވެ. މިވަގުތު ލަންކާއަށް ދިމާވެފައި އޮތް ދަތިހާލުން އަރައިގަތުމަށް ރަނިލްއަށް ކުރަންޖެހި ވަޑައިގެންފައި ވަނީ އޮޅުން ބޮޅުން ބޮޑު މަސައްކަތެކެވެ.
އެ މަސައްކަތުގައި މައިގަނޑު ފޯކަސް އަކަށް ބަލަން ޖެހިފައި ވަނީ ތިން ފަރާތެކެވެ. އެއީ އައިއެމްއެފް އާއި ވޯލްޑް ބޭންކްގެ އިތުރުން އިންޑިއާ އާއި ޗައިނާ އެވެ.
ލަންކާގެ ހާލަތު ގޯސްވެ އާންމުން މަގު މައްޗަށް ނިކުންނަ ހިސާބަށް ދިއުމުން އޭރުގެ ބޮޑުވަޒީރު ކެބިނެޓު އުވާލުމަށްފަހު ހުރިހާ ޕާޓީތަކެއް އެކުލެވޭ ގޮތަށް އެކުލަވާލި އާ ކެބިނެޓުން ފުރަތަމަ ވެސް މަސައްކަތް ފެށީ އައިއެމްއެފްގެ އެހީ ހޯދުމަށެވެ. އަލަށް މަގާމާ ހަވާލުވެ ވަޑައިގެންނެވި ފައިނޭންސް މިނިސްޓަރު އަލީ ސަބްރީ އިސްވެ ހުންނައި ކުރެއްވި މަޝްވަރާތަކަށް ފަހު އައިއެމްއެފްގެ އެހީ ލަންކާއަށް ލިބޭ ގޮތަށް ހަމަ ޖެހުނެވެ. އެހެން ނަމަވެސް އެ އެހީގެ ކަންތައް ލަސްވެގެން ދިޔައީ އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސައާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކާ އެކު ހިނގަމުންދިޔަ ހަމަނުޖެހުންތަކާ ހެދި އެވެ. އެ ދަނޑިވަޅުގައި ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ޖެހުމުން ވެސް އެހީ ލަސްވާގޮތްވި އެވެ. ސަބަބަކީ އައިއެމްއެފްގެ އެހީ ހޯދުމަށް ގައުމުން އެއްބަސްވާން ޖެހޭ ކަންތަކަށް އެއްބަސްވެ، އެ ޕްރޮގްރާމް އައިއެމްއެފުން ބޭނުންވާ ގޮތަށް ހިންގޭނެ ފަދަ ސަރުކާރެއް ގައުމުގައި ގާއިމުވެފައި ނެތީސް އައިއެމްއެފްގެ މާލީ އެހީ އެ ގައުމަކަށް ދެވެން ނޯންނާނެތީ އެވެ.
ރާޖަޕަކްސަގެ އިސްތިއުފާއަށް ފަހު ރަނިލް ބޮޑުވަޒީރުކަމަށް އިސްކޮށް ގައުމުގައި ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގާއިމުވުމުން ލަހެއް ނުވެ އައިއެމްއެފްގެ އެހީ ލަންކާއަށް ލިބޭނެ އެވެ.
އެ ޖަމާއަތުގެ އިސް ބޭފުޅަކު އިއްޔެ ވިދާޅުވެފައިވާ ގޮތުން ވެސް ލަންކާއަށް ބޭނުންވާ އެހީ މިހާރު ވަނީ ހަމަ ޖެހިފަ އެވެ. ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމޭނެ އެވެ. އައިއެމްއެފްގެ އިތުން ލަންކާގެ މައްސަލަ ހައްލުކުރުމުގައި މިވަގުތު އެންމެ ބޮޑު ދައުރެއް އަދާކުރަމުން އަންނަތަން ފެންނަނީ އިންޑިއާ އިންނެވެ.
ލަންކާ އާއި އިންޑިއާއަކީ ގިނަ ގޮތްގޮތުން ގާތް ގުޅުންތަކެއް އޮންނަން ޖެހޭ ދެ ގައުމު ކަމުގައި ވިޔަސް ލަންކާއަށް މިނިވަންކަން ލިބުނީއްސުރެ އިންޑިއާ އާމެދު ލަންކާގައި އޮންނަނީ ނުތަނަވަސް ކަމެވެ. ލަންކާގެ އާބާދީގެ ބޮޑު ބައެއް ކަމަށްވާ ތަމަޅައިންގެ ތެރެއިން ގިނަ ބަޔަކީ އިންޑިއާއިން ހިޖުރަކޮށް ލަންކާގައި ވަޒަންވެރިވެފައިވާ ބައެކެވެ.
އެ މީހުންގެ އާއިލާ ވަނީ އިންޑިއާގެ ޓެމިލް ނާޑޫއާ ގުޅިފަ އެވެ. ލަންކާގައި ތަމަޅައިންގެ ވަކި ސަރުކާރެއް އުފެއްދުމަށް ކުރި ދިގުލީ ހަނގުރާމައިގައި ރަސްމީ ގޮތުން ނޫނަސް އިންޑިޔާގެ މަދަދު ތަމަޅައިންނަށް ލިބެމުން ދިޔަކަމުގައި ލަންކާގެ ރައްޔިތުން ވެސް ސަރުކާރުތަކުން ވެސް ގެންދިޔައީ ތުހުމަތު ކުރަމުންނެވެ.
ތިރީސް އަހަރަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެން ދިޔަ ތަމަޅަ ޓައިގަރުންގެ ހަނގުރާމައިގައި އިންޑިއާއިން ތަމަޅައިންނަށް ދެމުން ގެންދިޔަ އެއްބާރުލުން ހުއްޓާލީ އެ ގައުމުގެ ބޮޑު ވަޒީރު ރަޖީވް ގާނދީ ތަމަޅައިންގެ ޖާނުން ފިދާވުމުގެ ހަމަލައެއްގައި އަވަހާރަކޮށްލި ހިސާބުންނެވެ.
އިންޑިޔާގެ އެއްބާރުލުން ހުއްޓާލުމާއެކު ލަންކާގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސް، ގައުމު ހަމަޔަކަށް އެޅުނުއިރު އިންޑިއާ އާއި ލަންކާގެ ދެމެދުގައި ވަނީ ބީރައްޓެހި ކަމެއް އުފެދިފަ އެވެ. ހަނގުރާމައިގެ ތެރޭގައި ލަންކާ ސަރުކާރުން ތަމަޅައިންނާ މެދު ހިންގި ކަމަށް ބުނާ ލާއިންސާނީ އަމަލުތަކުގެ ބައިނަލްއަގުވާމީ ތަހުގީގެއް ހިންގަން އިންޑިއާއިން ޕްރެޝަ ކުރަމުން އައި އައުން ވެސް ވީ އިންޑިއާ އާ މެދު ލަންކާގެ ނުތަނަވަސްކަން އިތުރުވި ކަމަކަށެވެ.
ތިރީސް އަހަރުގެ ދިގު ހަނގުރާމައިން ވީރާނާވެފައި އޮތް ގައުމު އަލުން އާރާސްތުކޮށް ބިނާކުރުމަށް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން ބައިވެރިއެއްކަމުގައި ބެލީ ޗައިނާ އެވެ. ޗައިނާއިން ލަންކާގައި ބިޔަ މަޝްރޫއުތަކެއް ހިންގުމަށް އެހީ ވެދިނެވެ. އެ މަންޒަރު އިންޑިއާ އަށް ފެނުނީ ބިރުވެރި މަންޒަރެއްގެ ގޮތުގަ އެވެ. އެ ގައުމުގެ ސަލާމަތަށް އޮތް ބޮޑު ބިރެއްގެ ގޮތުގަ އެވެ. އެހެންކަމުން ލަންކާ އާއި ޗައިނާގެ ގުޅުން ހުއްޓުވަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އިންޑިއާ ނިކުތެވެ. މިކަން ކާމިޔާބުވީ ލަންކާގެ އެތެރޭގައި ހިންގުނު ވަރުގަދަ ކެމްޕޭނަކާއެކު ރާޖަޕަކްސަ ވެރިކަމުން ދުރުކޮށްގެންނެވެ. އެއާއެކު ދެން އުފެދުނު ސަރުކާރުވީ އިންޑިޔާގެ ގޮނޑި ކޮއްކޮ ސަރުކާރަކަށެވެ. އެކަމަކު އެ ސަރުކާރަށް ގައުމުގެ އިގުތިސާދު ހަމަޔަކަށް އެޅުވުމުގައި ކުރި އެރުމެއް ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ސަޕޯޓު ގެއްލި އަނެއްކާ ވެސް ރާޖަޕަކްސަ ވެރިކަމަށް އަ އެވެ.
ޗައިނާ އާ ގުޅުން އޮތް ރާޖަޕަކްސަގެ އެނބުރި އައުން އިންޑިއާއަށް ކަމުދިޔަ ކަމަކަށް ނުވި އެވެ. ޗައިނާ، ލަންކާގެ ސިޔާސަތައި ދުރުގައި ބޭއްވުމަށްޓަކައި ލަންކާ އިގްތިސާދީ ގޮތުން އަނދަވަޅަކަށް ވެއްޓެމުން ދިޔައިރު އިންޑިއާއިން ގެންދިޔައީ އެކި ނަންނަމުގައި ލޯނުތައް ދީ އެ ގައުމުގެ ދަރަނީގެ ބެލެންސް އިންޑިއާ ކޮޅަށް އަނބުރާލަމުންނެވެ.
މިވަގުތު ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އަރައިގަތުމަށް ވެސް އިންޑިއާއިން ގެންދަނީ ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ދެމުންނެވެ. އެކަމަކު އެ އެހީތެރިކަން އަންނަނީ ބޮޑު އަގަކަށެވެ. ލަންކާގެ އިގުތިސދާއީ ގޮތުންނާއި ދިފާއީ ގޮތުން މުހިންމު ގިނަ ކަންތައްތަކެއްގެ ކޮންޓްރޯލް އިންޑިއާއަށް ދޫކޮށްލަން ޖެހެ އެވެ. އޭގެ އިތުރުން މިވަގުތު ލަންކާއަށް ހަގީގީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ހަމަ އެކަނި ފަރާތް ކަމުގައިވާ ޗައިނާ ލަންކާގެ މަސްރަހުން ދުރުކޮށްފައި ބާއްވަން ވެސް ޖެހެ އެވެ.
ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން ނުބައި ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި ކުރީގެ ރައީސް ނަޝީދު މިވަނީ ލަންކާއަށް ބޭރުގެ އެހީ ހޯއަދަވައި ދެއްވުމަށް ހުށަހަޅުއްވާފަ އެވެ. ލަންކާގެ ބޮޑުވަޒީރު މިވަނީ އެ ހުށަހެޅުން ގަބޫލު ކުރައްވައި ބޭރުގެ އެހީ ހޯދުމަށް ލަންކާ ސަރުކާރުން ކުރާ މަސައްކަތް ކޯޑިނޭޓް ކުރެއްވުމަށް ނަޝީދާ ހަވާލު ކުރައްވާފަ އެވެ.
މި ޚަބަރު ލިޔުނު ބީބީސީގެ ލިޔުމަކަށް ލަންކާ މީހަކު ކުރި ކޮމެންޓެއްގައި، މިއީ ރަނިލް ކުރި ވަރަށް "ކްލެވާ" ކަމެއްގެ ގޮތުގައި ސިފަ ކޮށްފައިވެ އެވެ. އޭނާ ދެކޭ ގޮތުގައި ރަނިލްގެ ބޭނުމަކީ ނަޝީދު ބޭނުންކޮށްގެން އިސްލާމީ ގައުމުތަކުގެ އެހީ ހޯދުމެވެ. ސުވާލަކީ ނަޝީދަށް އެކަން ކުރެވިދާނެ ބާވަ އެވެ؟
ނަށީދު އާއި ދިވެހި ރައްޔިތުން ހަވާލުކުރި މަސައްކަތް އެއްފަރާތުގައި ބާއްވާފައި ރައްޔިތުންގެ ޓެކްސް ފައިސާއިން ދިރިއުޅުމުގެ ހުރިހައިކަމެއް ހަމަޖަައްސާލައިގެން ގޮސް މިކުރަނީ މުޅިން އެހެން ކަމެއް. ނަށީދު އާއި ހަވާލުވެފައި އޮތް ޒިންމާ އަދާ ކުރިއްޔާ މާރަގަނޅެއްނުން.
ހަމަ ޗޮކުން ދާނީ. ފައްކާ ރޯނު އެދުރެއް؛ އަމިއްލަޔަށް ބޭނިގަތީ މެޑެލް ޖަހަން
ސޯޓު ބޭލުނަސް މަސައްކަތައިގެން ކުރިއަށް ދާނެ ބޭނުމަކީ ދުނިޔޭގެ ސަމާލުކަން ހޯދުން އަދި ދުނިޔޭގެ ފެންވަރުގެ މެޑެލް އެއް ލިބުން.