ހުޅުމާލެ ޖަލުގައި ހުކުމް ތަންފިޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

ހުޅުމާލެ ޖަލުގައި މަރުވެފައިވަނީ އއ. ހިމަންދޫ ހެޕީ ރެސްޓަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ ޢަލީ މުޙައްމަދެވެ. އޭނާ ޖަލަށް ލާފައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްފަ އެވެ. އެ މައްސަލައިގައި އޭނާ ޖަލަށް ލާފައިވަނީ 10 އަހަރަށެވެ

މި މައްސަލައާ ގުޅޭގޮތުން ކަރެކްޝަނުން ބުނީ، އޭނާ މަރުވީ އޭނާ އުޅެމުން ދިޔަ ޔުނިޓްގައި ހުއްޓައި ނޭވާ ލުމުގައި އުނދަގޫތަކެއް ވާންފެށުމާއި ގުޅިގެން ޖަލުގެ މެޑިކަލް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު، ހާޅަތު އިތުރަށް ގޯސްވުމާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އޭނާ އެ ހޮސްޕިޓަލަށް ގެންދިއުމާއި ގުޅިގެން އޭނާގެ އާއިލާއަށް ވަގުތުން އެކަން އަންގާފައިވާކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.

އޭގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށްވެސް އެކަން އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުނެފައިވެ އެވެ.