އިންޑިއާގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތް ކުޅުނު ފިލްމު "ދަކާޑް" ނާކާމިޔާބު ފިލްމު ތަކުގެ ތެރޭގައި ހިމެނިއްޖެ އެވެ.

މިމަހުގެ 20 ވަނަ ދުވަހު އެ ފިލްމު ރިލީޒްކޮށްފައިވާއިރު، ފިލްމު އެޅުވި ގިނަ ތިއޭޓަރެއްގައި އެ ފިލްމު އެޅުވުން ވަނީ ކެންސަލްކޮށްފަ އެވެ. ސަބަބަކީ ފިލްމު ބަލަން އެއްވެސް މީހަކު ގޮސްފައި ނުވުމެވެ.

ކަންގަނާ ފެނިގެންދާ ދަކާޑު ބެލި ބެލުންތެރިންގެ ހިޔާލަށް ބަލާއިރު، ބެލުންތެރިންނަށް އެ ފިލްމު ކަމުގޮސްފައެއް ނުވެ އެވެ. އަދި ދުވަހެއް ދުވަހަކަށް އެފިލްމަށް ލިބޭ ތަރުހީބު ދަނީ މަދުވަމުންނެވެ.

އޭގެ ބަދަލުގައި ގިނަ ބައެއްގެ ތަރުހީބެއް ލިބެމުން ދަނީ ހަމަ އެދުވަހު ނެރުނު ފިލްމު "ބޫލް ބުލައްޔާ 2" އަށެވެ. "ބޫލް ބުލައްޔާ 2" އަކީ 2007 ވަނަ އަހަރު އަކްޝޭ ކުމާރާއި ވިދްޔާ ބާލަންއާއެކު ޕްރިޔަދަރްޝަން ގެނެސްދިން ހޮރޯ- ކޮމެޑީ "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ.

އަނީސް ބަޒްމީ ޑައިރެކްޓްކޮށް ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ އެ ފިލްމުގައި ކާތިކް އާއި ކިއާރާގެ އިތުރުން ތައްބޫ މައިގަނޑު ރޯލުތަކުން ފެނިގެންދެ އެވެ.