މަރުވެފައިވާ މީހާގެ ޕޯސްޓް- މޯޓަމް ހެދޭނީ ހަ ބާވަތެއްގެ މަރުތަކުގައި ކަމަށް ކަމާބެހޭ އިޖުރާތުތަކުން ކަނޑައަޅައިފި އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގަވާއިދަށް ފުލުހުން މިހާރު ވަނީ އަމަލު ކުރަން ފަށާފައިވާކަމަށެވެ. އެގޮތުން އެ ގަވާއިދަށް ފުލުހުން އަމަލު ކުރަން ފަށާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޖިނާއީ ކުށަކާ ގުޅިގެން، މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް، މަރުވެފައިވާ މީހާގެ ޕޯސްޓް- މޯޓަމް އެގްޒޭމިނޭޝަން ހެދުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުތައް ބަޔާންކުރާ މި ގަވާއިދު ތަންފީޒުކުރާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނެވެ.

އެގޮތުން މި ގަވާއިދުގެ ދަށުން ހަ ބާވަތެއް މަރުގެ މައްސަލައާ ގުޅިގެން މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓް-މޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޕޯސްޓް-މޯޓަމް ހަދަންޖެހޭ ބާވަތްތަކުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  1. އެކްސިޑެންޓަކާ ގުޅިގެން މީހަކު މަރުވާ މައްސަލަ
  2. އަމިއްލައަށް މަރުވިކަމަށް ތުހުމަތުވާ މައްސަލަ
  3. ގަސްތުގައި މީހަކު މަރާލުމުގެ ތުހުމަތުވާ މައްސަލަ
  4. އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ މައްސަލަ
  5. ގޮތް ނޭނގޭ މަރުގެ މައްސަލަ
  6. ގުދުރަތީ ގޮތުން ނޫން އެހެން ގޮތްގޮތުން މަރުވެފައިވާ މައްސަލަ