އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފަށް އަސްކަރީ "ފީލްޑް އެމްބިއުލާންސް" ގެ ދެ އެމްބިއުލެންސެއް ހަދިޔާކޮށްފި އެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާ އެވެ. އަދި އެމްއެންޑީއެފްގެ ފަރާތުން އެ އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ.. ޢަލީ ޝާހިދު މުޙައްދު އެވެ.

އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަަކަފުޅުގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

އެ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ މެޑިކަލް ކޯއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މިނިސްޓްރީ އޮފް ޑިފެންސް މިނިސްޓަރުގެ ނައިބު ޙަސަން ޒަމީލް އާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދު މުޙައްދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.