ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ކަންނާޑާ ފިލްމު "ކޭޖީއެފް" ގެ ތިންވަނަ ބައިގައި ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ރިތިކް ރޯޝަން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ކަންނާޑާ އެކްޓަރު ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން އަދި ސަންޖޭ ދަތު ފެނިގެންދާ ކޭޖީއެފްގެ ދެވަނަ ބަޔަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު، މިމަހުގެ 14 ވަނަ ދުވަހު އެ ފިލްމް ރިލީޒްކުރުމާއެކު ދުވަހެއް ދުވަހަކަށް ފިލްމަށް ލިބޭ ތަރުހީބު އަންނަނީ އިތުރުވަމުންނެވެ.

އެއާއެކު ފިލްމުގެ ތިންވަނަ ބައި ވެސް ނެރޭނެ ކަމަށް ޕްރޮޑަކްޝަނުން ވަނީ ބުނެފަ އެވެ.

ކޭޖީއެފްގެ ތިންވަނަ ބައި ރިލީޒްކުރާނީ 2025 ވަނަ އަހަރު ކަމަށް ޕްރޮޑަކްޝަނުން ބުނެފައިވެ އެވެ. އަދި އޭގައި މައި ރޯލަކުން ފެނިގެންދާނީ ރިތިކު ރޯޝަން ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ހަމައެހެންމެ އެ ނިންމުމަކީ ބެލުންތެރިންގެ ނިންމުމެއް ކަންވެސް ވަނީ ހާމަވެފަ އެވެ.

އެންމެ ފަހުން ނެރުނު "ކޭޖީއެފް: ޗެޕްޓާ 2" އަކީ 2018 ވަނަ އަހަރުގެ ނުކުތް "ކޭޖީއެފް: ޗެޕްޓާ 1" ގެ ސީކުއަލް އެވެ. މި ފިލްމް ގިނަ ބައެއްގެ މަގުބޫލުކަން ހޯދިއިރު، އެކި ބަސްތަކުން ފިލްމު ދައްކާފައިވެ އެވެ.

ފިލްމުގެ ކާމިޔާބީއަށް ބަލާއިރު އެ ފިލްމު ރިލީޒްވިތާ ފުރަތަމަ ދުވަހު 165 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ. އަދި ދެވަނަ ދުވަހު 139 ކްރޯރު ރުޕީސްގެ ފައިދާއެއް ލިބިފައިވާއިރު، މިހާތަނަށް ފިލްމަށް ލިބިފައިވާ ޖުމްލަ ވަނީ 617 ކްރޯރު ރުޕީސްއަށް އަރާފަ އެވެ.